ވިޔަފާރި

އިންވެސްޓްމަންޓަށް ފަހި ބަދަލު އަންނަ މަހުން ފެށިގެން ފެންނާނެ: މިނިސްޓަރު

Oct 16, 2019
2

އިންވެސްޓްމަންޓަށް ފަހި ގައުމަކަށް ހަދަން ގާނޫނުތަކަށް ގެންނަ ބަދަލު އަންނަ މަހުން ފެށިގެން، ފެންނަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ކެރެލާގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ހޮޓެލް ޖެންގައި މިއަދު ފެށި ފޯރަމްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖެއަކީ ވިޔަފާރި އާއި އިންވެސްޓްމަންޓަށް ފަހި ގައުމަކަށް ހަދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާ، މި މަސައްކަތުގެ ދަށުން އިންވެސްޓްމަންޓާ ގުޅުންހުރި ގާނޫ ނުތަކަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

"ރާއްޖޭގެ ވިޔަފާރީގެ މާހައުލު މޮޑަނައިޒް ކުރަން މަސައްކަތް ކުރަމުން މިދަނީ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނާފައިވާނެ އިންވެސްޓްމަންޓާއި ވިޔަފާރީގެ ގާނޫނުތައް ވިޔަފާރި އަށް ފަހި ކުރަން. އުންމީދަކީ މި ބަދަލުތައް އަންނަ މަހުން ފެށިގެން ފެންނަން ފެށުން. މި ބަދަލުގެ ސަބަބުން ފޮރިން އިންވެސްޓަރުންނާއި ދިވެހި ވިޔަދާރިވެރިންނަށް ވެސް ތަކަށް ޔަގީންކަން އިތުރު ވެގެންދާނެ،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއަކީ ވަރަށް ގާތް ދެ ގައުމު ކަމަށްވީނަމަވެސް ދެ ގައުމުގެ ދަތިތަކެއް އެބަހުރި ކަމަށެވެ.

"ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތު ތަކެއް އިންޑިއާގެ ވިޔަފާރިވެރިންނަކަށް ނޭނގެ. ހަމައެގޮތަށް ދިވެހި ވިޔަފާރިވެރިންނަށް ވެސް ނޭނގެ އިންޑިއާގައި ހުރީ ކޮން ފުރުސަތު ތަކެއް ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން ވޭތުވެދިޔަ އެގާރަ މަސް ދުވަހުގެ ތެރޭގައި ރާއްޖެ- އިންޑިއާގެ ގުޅުން ބޮޑުތަނުން ބަދަހި ވެގެން ގޮސްފައިވާ ކަމަށެވެ.

"ރާއްޖެ އިންޑިއާގެ ގުޅުން މިހާރު އޮތީ ހަމައެކަނި ކަރުދާހުގައެއް ނޫން. އަމަލީ ގޮތުން އެކަން ދަނީ ފެންނަމުން،" ސުދީރު ވިދާޅުވި އެވެ.

އިންޑިއާގެ ވިޔަފާރިވެރިންނާއެކު ފެށި މި ފޯރަމްގައި ރާއްޖެ އިން ބައިވެރިވެފައިވަނީ އަމީން ކޮންސްޓްރަކްޝަން އާއި ލިލީ އިންޓަނޭޝަނަލް އަދި ހެޕީ މާކެޓެވެ. މީގެ އިތުރުން ދެން ތިބީ މަޓާޓޯ އާއި ގެސްޓްހައުސް އެސޯސިއޭޝަން އެވެ. އިންޑިއާގެ ކެރެލާގެ ވިޔަފާރިވެރިންގެ ތެރޭގައި ކެރެލާގެ ޑިއުޓީ ފްރީ ޒޯންގައި މަސައްކަތް ކުރާ ފުޑް ޕްރޮސެސިން ފެކްޓްރީތައް ހިންގާ ކުންފުނިތަކާއި ޓްރެވަލް އެޖެންޓުން އަދި ސިއްހީ ދާއިރާއާ ގުޅުން ހުރި ވިޔަފާރިތައް ކުރާ މީހުން ވެސް ބައިވެރިވެ އެވެ. މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ވަނީ މީޑިއާތައް ނެރެފަ އެވެ.