ހަބަރު

ދީނަށް ބަދުބަސް ބުނުމާއި ފިތުނަ އުފައްދަން ޖާގައެއް ނުދެވޭނެ: ރައީސް

Oct 16, 2019
2

އިސްލާމް ދީނަށް ގޮންޖަހައި ރަސޫލާއަށް ބަދުބަސް ބުނުމަށް ރާއްޖޭގައި ޖާގައެއް ނުދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދ. ހުޅުދެލިއަށް މިއަދު މެންދުރު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދިވެހިން އެދޭ ފަދަ ތަރައްގީ ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެކަމަށް އެންމެ މުހިންމު ކަމަކީ ރާއްޖޭގައި ހަމަޖެހުން ގާއިމުވެފައި ބޭއްވުން ކަމަށެވެ.

"ހަމަޖެހުން ނެތް ތަނެއްގަ އިގުތިސޯދެއް ކުރި ނާރާނެ. އަޅުގަނޑުމެންގެ ސަރުކާރެއްގައި ގާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަން އޮންނާނެ. އެކަމަކަށް ހުރަހެއް ނާޅާން. އެކަމަކު ހަމަނުޖެހުމެއް ގޮވާލާ ގޮވާލުންތައް އަޅުގަނޑުމެން ހުއްޓުވާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެކަމަށާއި، ދީނަށް ގޮންޖަހައި ރަސޫލާއަށް ބަދުބަސް ބުނުމަށް ރާއްޖޭގައި ޖާގައެއް ނުދެވޭނެ ކަމަށެވެ.

ހަމަ އެ ގޮތަށް ދީނުގެ ނަމުގައި ފިތުނަ އުދެއްދުމަށް އެއްވެސް ކަމެއް ކުރުމަށްވެސް ފުރުސަތެއް ނުދެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، އިސްލާމްދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ޖަމިއްޔާ އުވާލަން ގިނަ ބަޔަކު ގޮވާލަމުންދާއިރު، ޖަމިއްޔާ އުވާލުމުގެ މަސައްކަތް އަވަސް ކުރުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ވެސް ވަނީ ގޮވާލާފަ އެވެ. ނަމަވެސް، އެ އިލްމުވެރިންގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންތަކެއް ހިމެނޭއިރު، އެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖްތަމައު ހަލަބޮލި ވެދާނޭ ފަދަ ގޮތްގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ނުދެއްކުމަށް އެ ޔުނިވާސިޓީން ވަނީ އަންގައިފަ އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ދާދި ފަހުން އެންޓި ޓެރަރިޒަމް ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ބޭނުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނަގާލުން ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު ނުޖެހޭ ސީރިއާ ގޮސް ހަނގުރާމަކުރާކަށް. އެއީކީ ދިވެހިން ކުރަންޖެހޭ ކަމެއް ނޫން. ސީރިއާ އާއި އަފްގާނިސްތާނު ފަދަ ގައުމުތަކުގައި ކުރާ ހަނގުރާމަތަކަކީ ޓެރަރިސްޓް ހަނގުރާމަތަކެއް. ދުނިޔެ ބަލައިގަންނަ ހަނގުރާމަތަކެއް ނޫން. އެހެންވީމާ އެތަންތަނަށް ހަނގުރާމަކުރަންދާ ދިވެހިން ހުއްޓުވާ، އެކަމަށް ބާރުދީ
ހިތްވަރުދޭ މީހުން އަޅުގަނޑުމެން ހުއްޓުވާނަން،" ރައީސް ވިދާޅުވި އެވެ.