ހަބަރު

ފިޔަވަޅެއްގެ ގޮތުން ގާޒީ ހަސަން ކުރިމިނަލް ކޯޓަށް ބަދަލު ކުރަނީ

ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލަ ބެލުމަށްފަހު ފިޔަވަޅެއްގެ ގޮތުން ނަސޭހަތްދީ އެހެން ކޯޓަކަށް ބަދަލު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ގާޒީ ހަސަން ސައީދުގެ މައްސަލައިގެ ތަހުގީގު ޖޭއެސްސީގެ ކޮމެޓީއިން ކުރިއަށް ގެންދިޔައީ ހުޅުވާލައިގެންނެވެ. އެ ތަހުގީގުން ހާމަވި ގޮތުގައި ހަސަން ސައީދާމެދު ފެމެލީ ކޯޓުގެ ގިނަ މުވައްޒަފުންތަކެއްގެ ނުރުހުން އެބަ އޮތެވެ. މުވައްޒަފުންގެ ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވެ އެވެ.

މުވައްޒަފުން ކޮށްފައިވާ ޝަކުވާތަކަށް އޭނާ ވަނީ ތަހުގީގުގައި ޖަވާބުދެއްވާފަ އެވެ. ނަމަވެސް ތުހުމަތުތަކާއެކު ކުރި އަސަރަކުން އޭނާ ވަނީ ތަހުގީގު ކޮމެޓީ ބައްދަލުވުމުގައި ކީރިތި ވެސް ކުރައްވާފަ އެވެ.

ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވެސް ހިމެނިވަޑައިގެންނެވި ކޮމެޓީއިން މައްސަލަ ބެލުމަށްފަހު ޖޭއެސްސީއަށް ލަފާދިނީ ހަސަން ސައީދު ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާށެވެ. ކޮމެޓީގެ ރިޕޯޓް ބަލައިގަނެ، އެއަށް ޖަވާބުދާރީވާން ހަސަންއަށް 30 ދުވަހުގެ މުއްދަތެއް ދިނެވެ.

ޖޭއެސްސީއިން މިއަދު ބުނި ގޮތުގައި އެ މުއްދަތު ގާޒީ ހަސަން ސައީދު ވަނީ ލިޔުމުން ޖަވާބު ހުށަހަޅާފަ އެވެ. އެ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންވެ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށާއި ކުރިމިނަލް ކޯޓަށް އޭނާ ބައްދަލުކުރުމަށް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

މިފަހުން ޖޭއެސްސީއިން ދަނީ ފަނޑިޔާރުންގެ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. ދެ ފަނޑިޔާރަކު ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ވެސް ނިންމާފައިވެ އެވެ. އޭގެ އިތުރަށް ސުޕްރީމް ކޯޓު ފަނޑިޔާރުންގެ 15 މައްސަލައެއް މިހާރު ވެސް ބަލަމުންދާއިރު މިއަދު ވެސް ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީއިން ނިންމާފަ އެވެ.