ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ސަރުކާރުން އެމްއެންޔޫއަށް ނުފޫޒެއް ނުފޯރުވާނެ: މިނިސްޓަރު

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ހިންގުމުގެ ފަންނީ ކަންކަމަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެ ޔުނިވާސިޓީއަށް އަލަށް އައްޔަން ކުރި ކައުންސިލާ މިއަދު ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ވިދާޅުވީ ޔުނިވާސިޓީ ހިންގުމުގެ ފަންނީ ކަންކަމަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށާއި އެ މިނިސްޓްރީން މަސައްކަތް ކުރާނީ ރެގިއުލޭޓަރީ ބޮޑީއެއްގެ ގޮތުގައި ކަމަށެވެ.

"އެހެން ނަމަވެސް މީހުން ބިނާ ކުރުމުގެ މަސައްކަތުގައި ވަކި ދާއިރާތަކުން މީހުން ބިނާ ކުރަން ބޭނުންވާ ކަމަށް ފެނިއްޖެނަމަ، އެކަމަށް އެދި ޔުނިވާސިޓީގައި ދަންނަވާނަން. އަދި އެފަދަ ހާލަތްތަކުގައި ވެސް ޔުނިވާސިޓީން އެކަމަށް އަމަލު ކުރާނެ އުސޫލްތައް ނިންމަވާނީ." މިނިސްޓަރު ވިދާޅުވިއެވެ.

ކޯސްތައް ހިންގުމުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ފެންވަރަށް ކަމަށާއި، ފެންވަރަށް ނޭދެވޭ އަސަރެއް ކޮށްފާނެ އެއްވެސް ކަމެއް ޔުނިވާސިޓީން ނުކުރަން ވެސް މިނިސްޓަރު މިއަދު އެދިވަޑައިގެންނެނެވި އެވެ. ވަކި ދާއިރާއަކުން ދަސްވެނިވެގެން ވަޒީފާ އަދާކުރަން ސަރުކާރުގެ މުއައްސަސާއަކުން ހުއްދަ ހޯދަން ޖެހޭ ދާއިރާއަކުން ކޯހެއް ފަރުމާ ކުރާނަމަ، އެކަން ކުރަން ވާނީ ވެސް އަދި އެ ކޯހެއް ފަށަންވާނީ އެ ހުއްދަ ހޯދަންޖެހޭ މުއައްސަސާއަކުން ހުއްދަ ހޯދައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

މި ބައްދަލްވުމުގައި ރާއްޖޭގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި ހުރިހާ ފަރުދުންގެ ޒިންމާއެއްވާ ކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގުޅިފައިވަނީ ހުރިހާ ފަރުދުންގެ ބަހާއި އަމަލުގެ މައްޗަށް ކަމަށާ އިލްމީ މަސައްކަތްތަކުގެ ނާރެހަށް އެމްއެންޔޫ ވުމަކީ ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށެވެ.

"ބައިބައިވެ ފިތުނަ އުފެދިދާނެ ހުރިހާ ކަމަކުން ޔުނިވާސިޓީ ސްޓާފުންނާއި ދަރިވަރުން ދުރުހެލިވުމަށް އިލްތިމާސް ކުރަން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މިހެން ވިދާޅުވި އިރު އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ބޭރުގެ ފަރާތްތަކާ ގުޅިގެން އެމްޑީއެންގެ ނަމުގައި ޖަމިއްޔާއެއް ހިނގާ ދިވެހިންގެ ބަޔަކު އިސްވެ ނެރުނު ރިޕޯޓަކާއި ގުޅިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާ، ފިތުނަ ފަސާދަ އުފެދޭ ވާހަކަތައް ދައްކަމުންދާ ކަމަށް ބުނެ، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިން އެ ރިޕޯޓާ ގުޅުވައި އެއްވެސް ވާހަކައެއް ނުދެއްކުމަށް އަންގާފައި ވެއެވެ.

ސަރުކާރުން އެދިގެން އެ އެންގުން އަންގާފައިވަނީ ގައުމީ ޔުނިވާސިޓީގެ ގިނަ އަދަދެއްގެ ލެކްޗަރާއިން ހިމެނޭހެން ރާއްޖޭގެ އިލްމުވެރިންތަކެއް ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

މިދިއަ ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިލްމުވެރިންގެ ތެރެއިން ޑރ. މުހައްމަދު އިޔާޒާއި ޝައިހް އަލީ ޒައިދާއި ޝައިހް އަލީ ޒާހިރާއި ޝައިހް އަހުމަދު ސަމީރާއި ޝައިހް ނިމާލް މުހައްމަދާއި ޝައިހް ޝިހާމް އާއި ޝައިހް މަންސޫރާއި ޝައިހް ސައުދާނަކީ ވެސް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެކި ފެކަލްޓީތަކުގައި މަސައްކަތް ކުރައްވައްވާ މަގުބޫލް އިލްމުވެރީންނެވެ.