ކުޅިވަރު

އެލްކުލެސިކޯ މެޗަށް ސިިޔާސީ ހިޔަނި

އެލްކުލެސިކޯގެ މެޗު ރެއާލް މެޑްރިޑްގެ ދަނޑަށް ބަދަލު ކުރަން ލަލީގާއިން ހުށަހެޅި ހުށަހެޅުމަށް ދެ ކުލަބުން ވެސް ދެކޮޅު ހަދައިފި އެވެ. ނަމަވެސް މިހާރު އޮތީ އެހެން މައްސަލައެއް އުފެދިފަ އެވެ.

ލަލީގާއިން އެގޮތަށް ހުށަހެޅީ، ސްޕެއިން އިން ވަކިވެ ބާސެލޯނާ ހިމެނޭ ސްޕެއިން އުތުރު އިރުމަތީ ސަރަހައްދުގައި އުފައްދަން މަސައްކަތް ކުރާ ކެޓަލޯނިއާގެ ދައުލާތާ ގުޅިގެން އަނެއްކާވެސް އެ ސަރަހައްދުގައި މުޒާހާރަތައް ކުރަން ފެށުމުން އޭގެ އަސަރު މެޗަށް ކޮށްފާނެ ކަމަށް ބަލައެވެ.

މި ސީޒަންގެ އެލްކުލެސިކޯ ފުރަތަމަ ކުރިމަތިލުން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު ބާސެލޯނާގެ ކޭމްޕްނޯ ސްޓޭޑިއަމްގަ އެވެ. ބާސެލޯނާގައި މުޒާހަރަތައް ބާއްވަން ފެށީ ކެޓަލޯނިއާގެ ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލާން ސްޕެއިންގެ ކޯޓުން ހުކުމް ކުރުމުންނެވެ.

ބާސެލޯނާގެ މުޒާހަރާތައް ފެށިފައި ވުމުން، ލަލީގާއިން ހުށަހެޅީ އެލެކްލެސިކޯގެ ފުރަތަމަ މެޗު ރެއާލް މެޑްރިޑްގެ ސްޓޭޑިއަމް ސެންތިއާގޯ ބެރުނަބޭއަށް ބަދަލު ކުރުމަށެވެ. އެ ހުށަހެޅުމާ ދެ ޓީމު ވެސް ދެކޮޅެވެ. ބާސާއިން ބުނަނީ ބާސާގެ ދަނޑުގައި އެލްކުލެސިކޯ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ގޮތުން އުފެދިފައިވާ ނުތަނަސްކަމާ ގުޅިގެން މެޗު ޕޯސްޓްޕޯންޑް ކުރުމަށް ރެއާލުން ހުށަހަޅަ އެވެ. އެއީ މެޗު ކުޅޭ ތާރީހާ ހަމަށް ދާއިރު މަސްރަހު ފިނި ނުވެއްޖެނަމަ އެވެ.

އެކަމާ ގުޅޭގޮތުން ދެ ކުލަބުގެ ހުށަހެޅުން އަންނަ ހޯމަ ދުވަހު ރަސްމީކޮށް ހުށަހެޅުން އޮންނާނެ އެވެ. މިހާރު މެޗު ކުޅޭ ހަމަޖެހިފައި އޮތީ ހިނިހިރު ދުވަހެއްގަ އެވެ. ރެއާލުން ހުށަހަޅަނީ ހަފުތާގެ މެދުތެރޭގައި މެޗު ކުޅުމަށެވެ.

އެހެންމަވެސް އެއީ ޓީވީ ރައިޓްސް ގަނެފައިވާ ކުންފުނިތަކަށް ކުރިމަތި ވާނެ ގެއްލުމަކަށް ވެދާނެތީ ލަލީގާއިން އެކަމާ އެހާ ގަޔާ ނުވެދާނެ އެވެ.