ސަލްމާން ހާން

ސަލްމާންގެ އާ ފިލްމް ދިޝާ ޕަޓާނީއަށް

ސަލްމާން ޚާން މިހާރު ދަނީ އޭނާގެ އާ ފިލްމު "ދަބަންގް 3" ރިލީޒް ކުރުމަށް ތައްޔާރު ވަމުންނެވެ. މިއީ "ބާރަތު" އަށް ފަހު ސަލްމާންގެ ފޭނުންނަށް ލިބޭނެ އެންމެ ރަނގަޅު ހަދިޔާއަށް ވާނެ އެވެ. "ބާރަތު" ގައި ސަލްމާން އާއެކު ހަރަކާތްތެރިވީ ބަތަލާ އަކީ ކެޓުރީނާ ކައިފް އެވެ. ސަލްމާން އާ ފިލްމެއްގެ ޝޫޓިންގް ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާއިރު ޕްރަބޫދޭވާ ޑައިރެކްޓް ކުރާ މި ފިލްމު "ރާދޭ - އިންޑިއާޒް މޯސްޓް ވޯންޓަޑް ކޮޕް" ގެ ބަތަލާއަކަށް ދިޝާ ޕަޓާނީ ހަމަޖައްސާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

މީގެ ކުރިން ޚަބަރު ފެތުރުނީ މި ފިލްމުގެ ބަތަލާއަކަށް އަނުޝްކާ ޝަރުމާ ހަމަޖައްސަން ސަލްމާން ވިސްނަމުންދާ ކަމަށެވެ. ނަމަވެސް ފަހުގެ ރިޕޯޓްތައް ބުނަނީ މި ފިލްމު ކުޅެން ދިޝާ ސޮއިކޮށްފި ކަމަށެވެ. މިއީ ސަލްމާން އާއެކު ދިޝާ ކުޅޭ ދެ ވަނަ ފިލްމެވެ. މީގެ ކުރިން ސަލްމާންގެ "ބާރަތު"ގައި ވެސް ދިޝާ މުހިއްމު ރޯލެއް ވަނީ ކުޅެފަ އެވެ.

މި ފިލްމު ރަސްމީކޮށް އަދި އިއުލާން ނުކުރި ނަމަވެސް ވަރަށް އަވަހަށް އިއުލާން ކުރަން ދަނީ ތައްޔާރު ވަމުންނެވެ.
ފިލްމުގެ ޝޫޓިން އަންނަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު މުމްބައިގައި ފެށުމަށް ހަމަޖެހިފައިވައިރު މިއީ ކޮރެއާގެ ފިލްމެއް ކަމަށްވާ "ދި އައުޓްލޯޒް" ގެ ރިމޭކް އެއް ކަމަށް ވެއެވެ.