ދުނިޔޭގެ އެންމެ ދުޅަހެޔޮ އިގްތިސޯދު ނުވަތަ ދެވަނައަށް އެންމެ ބާރުގަދަ އިގްތިސޯދު ކަމަށްވާ ޗައިނާ، މަޝްހޫރު ވެފައިވަނީ ކޮމިއުނިސްޓް ގައުމެއްގެ ގޮތުގައި ކަމަށް ވިޔަސް ޗައިނާ މަޝްހޫރު ވަމުންދަނީ ލެޖެންޑަރީ ވެޕަނީސްގެ ގޮތުގަ އެވެ. ސަބަބަކީ ޗައިނާގެ ފަހުގެ ހަތިޔާރުތައް ބާރު ގަދަ ވުމުގެ އިތުރުން ސިފަ ވެސް ބަދަލުކޮށް ތަފާތުކޮށްފައިވާތީ އެވެ.
ޗައިނާއަކީ އެމެރިކައާ އެންމެ ބޮޑަށް ވާދަކުރާ ގައުމެވެ. އެގޮތުން 1950 ވަނަ އަހަރުގެ ހިސާބުގައި ޗައިނާއިން ވަނީ އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ނަކަލު ކޮށްފަ އެވެ. އެކަން ދުނިޔޭގެ ސަމާލު ކަމަށް އޭރު އައުމުން ޗައިނާއިން ނިންމީ އެމީހުންގެ އަމިއްލަ އީޖާދުތައް އުފައްދާށެވެ، އެގޮތުން 1950 ވަނަ އަހަރު އެމެރިކާއިން ސިއްރިޔާތުގައި ކުރިއަށް ގެންދިޔަ އަސްކަރީ ހަތިޔާރު އުފެއްދުމުގެ މަސައްކަތުގެ ވަރަށް ގިނަ މައުލޫމާތު ޗައިނާއިން ހޯދި އެވެ. އެެމެރިކާއިން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ "އޭރިއާ 51" ގައި ކަމަށް ވެ އެވެ. މިހާރު ވެސް އޭރިއާ 51 ގައި އެމެރިކާގެ ސިފައިން ސިއްރު ހަތިޔާރާއި މަތިންދޯ ބޯޓު ފޮރުވައިގެން އުޅޭ ކަމަށް ތުހުމަތު ކުރެވެ އެވެ.
ޗައިނާއިން ވަނީ އެނެއްކާ ވެސް އެފަދަ މަސައްކަތްތަކެއްކޮށް ލެޖަންޑަރީ ވެޕަނެއް އުފައްދައި ދުނިޔޭގެ ސަމާލުކަން ހޯދާފަ އެވެ. މި ފަހަރު ތައްޔާރު ކޮށްލައިގެން އުޅެނީ އާ ފާޑެއްގެ މާ ވަރުގަދަ ހެލިކެޕްޓަރެކެވެ. މިއީ ހަތަރު ފިޔަ ގަނޑު ހުންނަ ކަހަލަ ހެލިކަޕްޓަރެއް ނޫނެވެ.
މި ހެލިކެޕްޓަރު ތައްޔާރު ކޮށްފައިވަނީ "އަންއައިޑެންޓިފައިޑް ފްލައިން އޮބްޖެކްޓް" ނުވަތަ ޔޫއެފްއޯގެ ބައްޓަމަކަށެވެ. ކުރީން 1900 ވަނަ އަހަރު ދުނިޔޭގެ އެކި ހިސާބުތަކުން ވަނީ މިފަދަ ޔޫއެފްއޯތަކެއް ފެނުނު ކަމަށް ބުނެވެއެވެ. މި ޔޫއެފްއޯތައް ހުންނަނީ ވަށްކޮށް ފަތާކޮށް ތިލަ ކޮށެވެ. ޗައިނާއިން ހެލިކެޕްޓަރު އުފެއްދީ ވެސް މި ބައްޓަމަށެވެ. އެއާއެކު ޗައިނާއިން އުފެއްދި "ސުޕަ ގްރޭޓް ވައިޓް ޝާކު" މަޝްހޫރު ވެފައި ވަނީ ޔޫއެފްއޯ އެއްގެ ގޮތުގަ އެވެ.
ޗައިނާގެ އަސްކަރިއްޔާއިން މި ހެލިކެޕްޓަރުގެ މައުލޫމާތު ދެމުން ބުނީ، މި ހަތިޔާރު ވަސީލަތަކީ ކުރިއަށް އޮތް ތަނުގައި އެ ގައުމަށް އަތުވެދާނެ ސައިބާ ހަމަލާއަކުން ގައުމު ދިފާއު ކުރުމުގެ ބޭނުމުގައި އުފެދި ފުރިހަމަ ވަސީލަތެއް ކަމަށެވެ. އަދި ހެލިކޮޕްޓަރަށް ގައުމުގެ ހުރިހާ މުހިންމު މައުލޫމާތެއް އެއްކޮށް، ވަކި ނެޓްވޯކެއް ގާއިމްކޮށް ޖާސޫސީ ސެޓްލައިޓެއްގެ އެހީގައި ހެލިކެޕްޓަރުގެ ކަންތައް ބަލަހައްޓަމުން ދާނެ ކަމަށެވެ.
މި ހެލިކެޕްޓަރުގައި ސައިބާގެ ހުރިހާ ހަމަލާއަކުން ގައުމު ދިފާއު ކުރުމަށް ބޭނުންވާ ޓެކްނޮލޮޖީ ހިމާނާފައި ވެ އެވެ. ހެލިކެޕްޓަރުގައި މިސައިލްތަކެއް ވެސް ހައްޔަރު ކޮށްފައި ވެއެވެ. ހެލިކޮޕްޓަރަށް ގެއްލުމެއް ދޭން ފަށައިފިނަމަ މިސައިލްތައް އަމިއްލަށް ރޫޅާލައި ހިނގައިގަނެ ހަމަލާ ދޭން ފަށާނެ އެވެ.