ވިޔަފާރި

ރާއްޖެ އެނބުރި އޭޝިއާގެ އެންމެ ބޮޑު ޓްރޭޑް ޝޯއަށް

Oct 17, 2019
1

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސްފަރާތްތަކުން މިހާރު ސިންގަޕޫރުގައި ކުރިއަށްދާ އޭޝިއާގެ އެންމެ ބޮޑު ޓްރޭޑް ޝޯގައި ބައިވެރި ވެއްޖެ އެވެ.

އެމްއެމްޕީއާރްސީން ބުނީ އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ސިންގަޕޫރުގެ މަޝްހޫރު މެރީނާ ބޭ ސޭންޑްސްގައި ކުރިއަށް އައިޓީބީގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

އެމްއެމްޕީއާރުސީ އާއެކު ރިސޯޓާއި ގެސްޓް ހައުސް އަދި ލިވަބޯޑް ހިމެނޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 17 ކުންފުންޏަކުން 30 އަށް ވުރެ ގިނަ ބޭފުޅުން އެ ޝޯގައި ބައިވެރިވެ އެވެ.

އެ ޓްރޭޑް ޝޯގައި ރާއްޖޭގެ ގުދުރަތީ އަދި ސަގާފަތް ދައްކުވައިދޭ ގޮތަށް ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައި ވާއިރު، އެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް "ވާޗުއަލް ރިއާލިޓީ" މެދުވެރިކޮށް ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އައިޓީބީ އޭޝިއާއަކީ ދެކުނު އޭޝިއާގެ އިތުރުން ސިންގަޕޫރާއި އަދި ދުނިޔޭގައި ޓޫރިޒަމް ދާއިރާގެ އެންމެ އިސް ފަރާތްތައް ބައިވެރިވާ އޭޝިއާގެ އެންމެ ބޮޑު ޓްރޭޑް ޝޯ އެވެ.

މި ޓްރޭޑް ޝޯ އަކީ އާސިއާން ސަރަހައްދުގައި ޓޫރިޒަމަށް އަމާޒުކޮށް ބޭއްވޭ މުހިންމު ފެއާއަކަށްވާއިރު، އެ ފެއާ މެދުވެރިކޮށް ރާއްޖޭގެ ޓޫރިޒަމް އިތުރަށް އިޝްތިހާރުކޮށް، ފުޅާކުރަން ބައިވެރިންނާއެކު މަޝްވަރާ ކުރުމުގެ މަގު ފަހިވެގެންދާނެ ފުރުސަތެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ވަނީ ސިފަ ކޮށްފަ އެވެ.

އެމްއެމްޕީއާރްސީން ބައިވެރިވެރިވާ ފެއާތަކަށް ކުރިން ރާއްޖޭގެ ނޫސްވެރިން ގެންދެ އެވެ. ނަމަވެސް މިހާރު ބަޖެޓް ބޮޑު ކުރުމަށްފަހު ލޯކަލް ނޫސްވެރިން ބައިވެރި ކުރުން ވަނީ ހުއްޓާލާފަ އެވެ.