ހަބަރު

ސަރުކާރުން ފައިސާ ދެއްކުމުން ލިބޭ ފަރާތަށް އެނގޭނެ ނިޒާމެއް

Oct 17, 2019
1

ދައުލަތުގެ އެކި އިދާރާތަކުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެކި ފަރާތްތަކަށް ފައިސާ ދެއްކުމުން އެ ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާވިކަން އެސްއެމްއެސް ނޫނީ އީމެއިލް މެދުވެރިކޮށް ފޮނުވާ ނިޒާމެއް ގާއިމުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ފައިސާ ލިބެންޖެހޭ ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެ މެސެޖު ފޮނުވާނީ އެ މިނިސްޓްރީގެ ކޯލް ސެންޓަރުގެ ނަންބަރުންނާއި މިނިސްޓްރީގެ އީމެއިލް އެޑްރެސް މެދުވެރިކޮށެވެ.

ނަމަވެސް، އެ މައުލޫމާތު ޕަބްލިކް އެކައުންޓިންގް ސިސްޓަމްގައި ރަޖިސްޓްރީ ކުރިއިރު ލިބިފައިނެތް ފަރާތްތަކުގެ އިތުރުން އެ މައުލޫމާތު ބަދަލުވެފައިވާ ފަރާތްތަކަށް އަލަށް ތައާރަފުކުރި ހިދުމަތް ދިނުމުގައި ދަތިތަކެއް ހުރިކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެހެން ކަމުން، މި ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި، އެ ފަދަ ފަރާތްތަކުން މިނިސްޓްރީގެ ވެންޑާ މެއިންޓެނަންސް ފޯމުގެ ކޮމިޔުނިކޭޝަންސް ބައި ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމަށް އިލްތިމާސެއް ކޮށްފައި އެވެ.

ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގެ ނިޒާމް އިތުރަށް ފުރިހަމަ ކުރުމަށް ފިނޭންސް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ދިޔަ ޖޫން މަހު، ޕޭރޯލް ރަޖިސްޓާ، އެސްއޭޕީޔޫސާ ރިކުއެސްޓް ފޯމް، އެސްއީގެޓްވޭގެ އިތުރުން އެސްއޭޕީ ސިސްޓަމް ވެސް ވަނީ ޒަމާނީ ކޮށްފަ އެވެ.

މީގެ އިތުުރުން ފިނޭސް މިނިސްޓްރީން ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމަތު އެއްތަނަކުން ފެންނާނެ ޕޯޓަލްއެއް ބވެސް ގާއިމްކޮށްފައި ވެއެވެ.