މޯލްޑިވިއަން

މޯލްޑިވިއަންގެ ކަބަޑު ހުޅުވައިގެން ކޮޗިންއަށް!

ހދ. ހަނިމާދޫން އިންޑިއާގެ ކޮޗިންއާ ދެމެދުގެ ދަތުރުތައް ފެށުން ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ހަރަކާތެއް މާދާމާ ކުރިއަށް ގެންދަން ހަމަޖައްސައިފި އެވެ.

ހަނިމާދޫން އިންޑިއާގެ ކޮޗިންއާ ދެމެދުގެ ދަތުރުތައް ފަށަން ހަމަޖައްސާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

އަވަސްއަށް ދެއްވި އިންޓަވިއުއްގައި އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ހަނިމާދޫން އިންޑިއާގެ ކޮޗިންއާ ދެމެދުގެ ދަތުރުތައް ފެށުން ފާހަގަ ކުުރުމަށް މާދަމާ ރާޅުގަނޑު ސަރަހައްދުގައި ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެ ހަރަކާތުގެ ތެރޭގައި ހަތަރު ނަސީބުވެރިއަކަށް ކޮޗިން ދެކޮޅު ޓިކެޓް ލިބެ އެވެ. މޫސަ ވިދާޅުވި ގޮތުގައި ރާޅުގަނޑު ސަރަހައްދުގައި މާދަމާ މޯލްޑިވިއަންގެ ކަބަޑުތަކެއް ބަހައްޓާނެ އެވެ. އޭގެ ބައެއް ކަބަޑުތަކެއްގައި ކޮޗިން ދެކޮޅު ޓިކެޓް އޮންނަ އިރު އެ ކަބަޑުތަކުގެ ތަޅުދަނޑިތައް މާލޭގެ އެކު ސަރަހައްދުގައި ފޮރުވާފައިވާނެ އެވެ.

"މަޖާ ކަމެއް ކޮށްލައިގެން ކޮޗިން ދެކޮޅު ޓިކެޓް ހޯދުމުގެ ފުުރުސަތު މި ހުޅުވާލާނީ. ރާޅާ އަޅާ ކުދިން ތިބޭ ސަރަހައްދުގައި އެ ކަބަޑުތައް ހުންނާނީ. އަދި ހަމަ އެ ސަރަހައްދުގައި ތަޅުދަނޑިތައް ވެސް ވާނެ ފޮރުވާފައި. ތަޅުދަނޑި ހޯދައިގެން ގޮސް ކަބަޑުތައް ހުޅުވަންވީ. ހަތަރު ޓިކެޓް އެގޮތަށް ދޫކޮށްލާނެ." ކުރީގެ ނޫސްވެރިޔާ އަދި ނިއުސް އެންކާ ވިދާޅުވި އެވެ.

މީގެ އިތުރުން ހަނިމާދޫން އިންޑިއާގެ ކޮޗިންއާ ދެމެދު ކުރާ ދަތުރުތަކުގެ މައުލޫމާތާއި، މޯލްޑިވިއަންގެ އެހެން ދަތުރުތަކާއި ގުޅޭ ތަފާތު މައުލޫމާތުތައް ވެސް އެ ހަރަކާތުގައި އާންމުންނަށް ދޭނެ އެވެ.

އިންޑިއާގެ ކޮޗިންއަކީ ދިވެހިންގެ ގިނަ ބަޔަކު ބޭހަށް ދާ ސިޓީ އެކެވެ. ހަނިމާދޫން އިންޑިއާގެ ކޮޗިންއަށް ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރަން މޯލްޑިވިއަނުން ކުރާނެ އެވެ.

މޯލްޑިވިއަން އިން މާލެ އާއި ކޮޗިންއާ ޓިކެޓް ދެކޮޅަށް 150 ޑޮލަރަށް ވިއްކި ނަމަވެސް އަދި ހަނިމާދޫ އާއި ކޮޗިންއާ ދެމެދުކުރާ ޓިކެޓް ވިއްކަނީ ދެކޮޅަށް 199 ޑޮލަރު (ގާތްގަނޑަކަށް 3،068ރ) އަށެވެ.

ކޮޗިންގެ އިތުރުން އިންޑިޔާ ޓްރިވެންޑްރަމާއި ޗެއްނާއީއަށް ވެސް މޯލްޑިވިއަން އުދުހެ އެވެ. މޯލްޑިވިއަން އިން ދަނީ އެ ކުންފުނީގެ އޮޕަރޭޝަން ވަރުގަދަ ކުރަން އެއާބަސް 330 ބޯޓެއް ގެންނަން މަސައްކަތް ކުރަމުންނެވެ.