ސަލްމާން ހާން

ބިގް ބޮސް: ސަލްމާނަށް ތުހުމަތުތަކެއް!

ތަންކޮޅެއް ކުރިން ބައެއް ހިންދީ ފިލްމުތަކުން ފެނިފައިވާ ބަތަލާ ކޮއެނާ މިތުރާއަކީ "ބިގް ބޮސް 13" އާ އެންމެ ފަހުން އަލްވަދާއު ކިޔަން ޖެހުނު ބައިވެރިޔާ އެވެ. ކޮއެނާއަކީ ބިގް ބޮސްގެ ގޭގައި އެންމެ ގިނަ ބަޔެއްގެ ގަދަރާއި އިހުތިރާމް ލިބިގެން އުޅުނު މީހެކެވެ. އަދި ޝޯގެ އެހެން ބައިވެރިއެއް ކަމަށްވާ ޝެހެނާޒް ގިލް އާ ޖެހުނު މައްސަލަ ފިޔަވައި އިތުރު އެއްވެސް މައްސަލައެއް ކޮއެނަ އާ ދިމަލެއް ނުވެ އެވެ.

ބިގް ބޮސްގޭގައި ގިނަ ދުވަހު ހުންނަން ކޮއެނާ ބޭނުން ވިޔަސް ހަގީގަތުގައި ކޮއެނާ އިސްކަން ދޭ ކަންތައްތައް ވެސް ތަންކޮޅެއް ތަފާތެވެ. އަދި ޝޯ ގެ ހޯސްޓް ސަލްމާން ޚާން ދެކެ ކޮއެނާ ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

ބިގް ބޮސްގެ ގެއިން ނުކުމެފައި ކޮއެނާ ދިން އިންޓަވިއު އެއްގައި ބުނީ އޭނާއާ ދޭތެރޭ ސަލްމާން ކަންތައް ކުރި ގޮތުންނާއި އޭނާ އާ ވާހަކަ ދައްކާ ގޮތުން ވެސް ވަރަށް އަވަހަށް ޝޯ އިން ބޭރަށް ނުކުންނަން ޖެހޭނެކަން ޔަގީންވި ކަމަށެވެ. ޝޯގެ ހަފުތާ ބަންދުގައި ދައްކާ "ވީކްއެންޑް ކާ ވާރް" ބެލި މީހުންނަށް އޭނާ ދައްކާ ވާހަކަ ގަބޫލު ކުރެވޭނެ ކަމަށާއި ސަލްމާން އަބަދުވެސް ތާއީދު ކުރަނީ ގޯސްކޮށް އުޅޭ މީހުންނަށް ކަމަށް ކޮއެނާ ތުހުމަތު ކުރި އެވެ.

ބިގް ބޮސްގެ ގޭގައި ކޮއެނާ އާއި ޝެހެނާޒްގެ ވަރުގަދަ ދެބަސްވުމެއް ހިނގިތަން ފެނިގެން ގޮސްފައި ވެއެވެ. އެ އަރާރުމުގައި ކޮއެނާ އާ ދިމާލަށް ވަރަށް އިންސާނިއްޔަތުކަން ކުޑަ ވާހަކަތަކެއް ޝެހެނާޒް ދެއްކި ކަމަށް ކޮއެނާ ބުންޏެވެ. އެގޮތުން އޭނާގެ ސިފަޔަށާއި ކުރާ މަސައްކަތަށް އަދި އެކްޓިން ހުނަރަށް ވެސް ޝެހެނާޒް ގިލް މަލާމަތް ކުރި ކަމަށް ކޮއެނާ ބުންޏެވެ.

"އަހަރެން އެ ވާޙަކަ ސަލްމާން ކައިރީ ވެސް ބުނިން. އެކަމަކު އޭނަ ބުނި ޝޯ ބަލާ މީހުންނަށް ވަރަށް ކަމުދެއޭ އެ ހުރިހާ ކަމެއް. އެހެން ބުނީމަ އަހަންނަށް ލިބުނީ ވަރަށް ބޮޑު ޝޮކެއް،" ކޮއެނާ ބުންޏެވެ.

ކޮއެނާ ބުނި ގޮތުގައި ޝެހެނާޒްގެ އިތުރުން ސިދާރްތު ޝުކްލާ އާއި އާރްތީ ސިންގް އަކީ ވެސް ވަރަށް ފޭކް އަދި ރުޅިއަންނަ ޒާތަކަށް އުޅޭ ބައެކެވެ.

"މުސާފިރް" ފިލްމުން ބޮލީވުޑަށް ނުކުތް ކޮއެނާގެ އެކްޓިން ކެރިއަރު ވަޅުޖަހަން މެދުވެރިވީ އޭނާގެ މޫނު ކުރިން ހުރި ގޮތަށް ވުރެ ރީތިކުރަން މޫނުގެ ޕްލާސްޓިކް ސާޖަރީއެއް ހަދައި އޭގެ ސަބަބުން އޭނާގެ ސިފަ ގެއްލިގެންނެވެ.
މިދިޔަ ހަފުތާގައި މި ޝޯ އާ ވަކިވާން ޖެހުނީ ޓީވީ ތަރި ދިލްޖީތު ކޯރަށެވެ.