ހަބަރު

ސައިވާކްގެ ގަވަނިން ބޯޑު ބައްދަލުވުން ރާއްޖޭގައި ފަށައިފި

ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން (ސައިވާކް) 8 ވަނަ ގަވަނިންގ ބޯޑު ބައްދަލުވުން މިއަދު ފަށައިފި އެވެ.

ސައިވާކްއާއި، އާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މި މަހުގެ 17 އިން 19 އަށް ހުޅުމާލޭ ޔޫތު ސެންޓަރުގައި ކުރިއަށް ގެންދާ އެ ބައްދަލުވުމުގެ މަގްސަދަކީ ސައިވާކް މޫވްމަންޓްގެ ފަރާތުން ހާސިލުކުރަމުން ދާ ކުރިއެރުންތަކާއި، ކުރިމަތިވާ އެކި ބާވަތްތަކުގެ ގޮންޖެހުންތަކާ ގުޅޭ ގޮތުން މެންބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް، ސައިވާކްގެ 7 ވަނަ ގަވަނިންގ ބޯޑު މީޓިންގގައި ނިންމުނު ކަންތައްތައް ހާސިލުކުރުމުގައި ހޯދިފައިވާ ކުރިއެރުންތައް ދެނެގަތުމާއި، 5 ވަނަ ސައިވާކް މިނިސްޓީރިއަލް މީޓިންގގެ ލަނޑުލަނޑިތަކާއި ތައްޔާރީތަކާ ގުޅޭ ގޮތުން ހިޔާލު ބަދަލުކުރުން ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ބައްދަލުވުމުގައި ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެންބަރު ހުރިހާ ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، މިއީ ދިވެހިރާއްޖޭގައި މި ބައްދަލުވުން ބޭއްވޭ ފުރަތަމަ ފަހަރުކަމަށާއި، އެ ބައްދަލުވުމާ ގުޅޭ ޕްރީ-ޓެކްނިކަލް ސެޝަނެއް އިއްޔެ ކުރިއަށް ގެންގޮސްފައިވާ ކަމަށް ޖެންޑާއިން ވަނީ ބުނެފަ އެވެ.

ސައިވާކްއަކީ ދެކުނު އޭޝިއާގައި ދިރިއުޅޭ ކުޑަކުދިން އެކި ބާވަތްތަކުގެ އަނިޔާ، ހާނިއްކަ، ނަހަމަ ގޮތުގައި ބޭނުންކުރުން، އިހުމާލުވުން އަދި ނަސްލީ ތަފާތުކުރުމުން އެއްކިބާވެފައިވާ މާޙައުލެއްގައި ބޮޑުވުމުގެ ހައްގު ތަނަވަސްކޮށްދިނުމުގެ ތަސައްވުރުގައި ސާކްގެ މެންބަރު 8 ގައުމުގެ މައްޗަށް އުފެދިފައިވާ އިންޓަރ-ގަވަރމެންޓް ސާކް އެޕެކްސް ބޮޑީއެކެވެ.