ހަބަރު

ދެ އަހަރަށްފަހު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ދާއިމީ ފުޓުނި އެޅުމުގެ ހިދުމަތް

Oct 17, 2019
3

ދެ އަހަރަށްފަހު ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދާއިމީ ފުޓުނި އެޅުމުގެ އިންތިޒާމް ހަމަޖެހިއްޖެ އެވެ.

ދާއިމީ ޕުޓުނި އެޅުމުގެ ހިދުމަތާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދަތް އުފުރުމާއި، ސްކޭލިން އާއި، ވަގުތީ އަދި ދާއިމީ ފުޓުނު އެޅުމާއި ދަތާ ގުޅުންހުރި ބައެއް ކަހަލަ އިތުރު ޕްރޮސީޖާތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މި ވަގުތު ދިވެހި ޑެންޓިސްޓްއަކާއެކު ތިން ޑެންޓިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ.

"އަޅުގަނޑުމެންނަށް ލިބިގެން މި ދިޔައީ ހަގީގަތުގައި ކުރިއެރުމެއް، އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަމުން ދަނީ މިހާރު ރޫޓް ކެނަލްގެ ހިދުމަތުގެ އިތުރުން އަޅުގަނޑުމެންނަށް މިހާރު ލިބިފައިހުރި ދެވަނަ ޑެންޓަލް ގޮނޑިންވެސް ޕޭޝަންޓުންނަށް ހިދުމަތް ލިބޭނޭ ގޮތް ހަމަޖައްސައި ދިނުމަށް،" ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޒިންމާދާރުވެރިޔާ ހަދީޖާ އަލީ ވިދާޅުވި އެވެ.

މިފަހުން ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ކާޑިއެކް ސެންޓަރުގެ ހިދުމަތް ވަނީ ފަށާފަ އެވެ. މި ސަރުކާރުން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ވައުދުވެފަ އެވެ.