އެމްޑީޕީގެ ނާއިބު ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ހިތަދޫ އުުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެ މަގާމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ޝިފާޒު ވަނީ އިއުލާނު ކުރައްވާފަ އެވެ. އަދި ހިތަދޫ އުުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވެސް ވަނީ އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން އަސްލަމް މިރޭ ވިދާޅުވީ ޝިފާޒް ބަލި ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ އިސް އެތައް މަގާމުތަކެއް ފުރާފައިވުމުން ޕާޓީގެ ނާއިބު ރައީސް ކަމަށް ކުރިމަތިލެއްވީ އެ ތަޖުރިބާއާއެކު ޕާޓީއަށް އިތުރަށް ޚިދުމަތް ކުރައްވަން ވެސް ކަމަށް އަސްލަމް ވިދާޅުވިއެވެ.
"އިންތިޚާބަށް މި ނިކުންނަނީ ވަރަށް ބޮޑު އުންމީދަކާއެކު. އިރާދަ ކުރެއްވިއްޔާ 100 ޕަސެންޓް އިތުބާރު އެބައޮތް." އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އައްޑޫ ސިޓީގައި އެމްޑީޕީ ތަމްސީލުކުރާ އެންމެ އިސް މީހެއްގެ ގޮތުގަ އާއި ޕާޓީގެ ސެކްރެޓޭރިއޭޓްގަ އާއި ޕީޖީ ގުރޫޕްގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެވިފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެވިފައިވާ ކަަމަށެވެ.
"އެތައް ތަޖުރިބާތަކަކަށްފަހު އެމްޑީޕީގެ ނާއިބު ރައީސްކަމަށް ކުރިމަތި މިލަނީ މެންބަރުންގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ޔަގީންކޮށް."
އިންތިޚާބަށް މި ނިކުންނަނީ ވަރަށް ބޮޑު އުންމީދަކާއެކު. އިރާދަކުރެއްވިއްޔާ 100 ޕަސެންޓް އިތުބާރު އެބައޮތް. އެތައް ތަޖުރިބާތަކަކަށްފަހު އެމްޑީޕީގެ ނާއިބް ރައީސްކަމަށް ކުރިމަތި މިލަނީ މެންބަރުންގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ޔަގީންކޮށްމުހައްމަދު އަސްލަމް | ހިތަދޫ އުތުރު ދާއިރާގެ މެންބަރު
އަސްލަމް ވިދާޅުވީ މާދަމާ އިންތިޚާބުގައި ވާދަ ކުރައްވަން ފޯމް ހުށައަޅުއްވާ ކެންޕޭން ހަރަކާތްތައް ރަސްމީކޮށް ފައްޓަވާނެ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ އަތޮޅުތެރޭގައި ޕާޓީގެ ރޫހު އިތުރަށް ވަރުގަދަ ކުރުމަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ނާއިބު ރައީސްކަމުގެ މަގާމަށް ދެވަނަ ފަހަރަށް ކުރިމަތިލެއްވީ މެންބަރުންނާމެދު އޮތް ފުރިހަމަ ޔަގީންކަމެއްގެ ސަބަބުން ކަމަށާ ޕާޓީގެ މެންބަރުންގެ ފުރިހަމަ ތާއީދު ލިބޭނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުވެސް ވަނީ ވިދާޅުވެފައެވެ.
ޝިފާޒް ވިދާޅުވީ އޭނާއަކީ ކާކުކަން އެމްޑީޕީގެ އެއްވެސް މެންބަރަކަށް އޮޅިފައި ނުވާނެ ކަމަށެވެ. އެމްޑީޕީއަށް މިދިޔަ ދުވަސްތަކުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އިރުސް އޭނާ ހުންނެވީ މެންބަރުންނާއެކު ޕާޓީގައި ސާބިތުވެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.
"އެމްޑީޕީގެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ ކާކުކަން. އަޅުގަނޑު ހިތުން މެންބަރުންނަށް ހަމަ ކުޑަކޮށްވެސް އޮޅިފައެއް ނޯންނާނެ އަޅުގަނޑެއް. އަޅުގަނޑަކީ ޕާޓީއަށް އެންމެ ގޮންޖެހުން ބޮޑު ދުވަސްވަރު އެކަންކަމާ ފޭސް ކުރި މީހާކަން މެންބަރުންނަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ." ޝިފާޒް ވިދާޅުވި އެވެ.