ގާސިމް އިބްރާހިމް

މި ސަރުކާރުގައި ޖޭޕީއަށް ދެރަގޮތެއް ނުވާނެ: ގާސިމް

ކުރީ ސަރުކާރުތަކުގައި ކުރަންޖެހުނު ފަދަ ހިތްދަތި ތަޖުރިބާ މި ސަރުކާރުގައި ކުރަން ނުޖެހޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"އެންމެންގެ ޖުމްހޫރީ ޕާޓީ" މިނަމުގައި ގާސިމްގެ އަމިއްލަފުޅު ޓީވީ ޗެނަލް ވީޓީވީން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެ މަނިކުފާނާއި ޖޭޕީގެ މަސައްކަތުން މީގެ ކުރިން ވެރިކަމަށް ގެނައި ދެ ސަރުކާރުން ވެސް އެ މަނިކުފނާ މެދު އަމަލު ކޮށްފައި ވަނީ ވަރަށް ދެރަކޮށް ކަމަށެވެ.

ނަމަވެސް ރައީސް ސޯލިހާމެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށެވެ. ވިދާޅުވީ ރައީސް ސޯލިހަކީ މަޑުމައިތިރި އަދި ކެތްތެރިކަމާ ވިސްނުންތެރި ކަމާއެކު ކަންކަން ނިންމަވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ޖޭޕީ އާއި ދިވެހި ރައްޔިތުންނާމެދު ވެސް ކުރީގެ ސަރުކާރުތަކަށްވުރެ މާ ބޮޑަށް ރަނގަޅަށް ކަންކަން ކުރައްވާނެ ކަމަށެވެ. އެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.

"މުސްކުޅިން ބުނެ އުޅޭ ތިނެތިން އެކަތި އޮވޭ ރައިވެރިއެއްގެ ދަރިއަކަށް ވެސް. އެހެންވީމަ ކުރީގައި ދެ އެތި ފަހަރު، މިއީ ތިންވަނަ އެތި ފަހަރު، ދެ އެތި ފަހަރު ހިނގައްޖެ! އެކަމަކު މިފަހަރު އިރާދަ ކުރެއްވިއްޔާ އެކަހަލަ ނިކަމެތި ކަމެއް، ރައިވެރިއެއްގެ ދަރިއަކަށް އޮންނަންޏާ މިފަހަރު އަޅުގަނޑުމެން ވެސް ސަލާމަތް ވާނެތާ؟ ރަނގަޅުވާނެތާ؟ މިފަހަރު ފަހިކޮށް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ގާސިމް ވިދާޅުވި އެވެ. "އެހެން ނޫނަސް މިއަދުގެ ރައީސަކީ ވަރަށް މަޑުމައިތިރި، ވިސްނުންތެރިކަމާއެކު ކަންތައްތައް، ކެތްތެރިކަަމާއެކު ކުރައްވާ ބޭފުޅެއް. އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީންކަން އެބައޮތް ކުރީ ސަރުކާރު ތަކަށްވުރެ މާ ބޮޑަށް ވެސް ރަނގަޅަށް، ރައްޔިތުންނަށް ވެސް އަދި އަޅުގަނޑުމެންނާ މެދުވެސް ކަންތައް ކުރައްވާނެ ކަމަށް."

ކުރީ ސަރުކާރުތަކުގައި ކުރަންޖެހި ވަޑައިގަތް ހިތްދަތި ތަޖުރިބާ މި ސަރުކާރުގައި ކުރަން ޖެހިވަޑައި ނުގަންނަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ގާސިމް މިރޭ ވިދާޅުވި އިރު މި ސަރުކާރު ހިންގަން ބޭނުން ވަނީ އެމްޑީޕީ މެންބަރުން އެދޭ ގޮތަށް އެމްޑީޕީން އެކަނި، އެއްވެސް ކޯލިޝަނަކާ ނުލައި ކަމަށް ދޭހަވާ މޭރުމަކުން ރައީސް މުހައްމަދު ނަޝީދު ރޭ ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯއެއް އެބައޮތް ކަމަށާ އެމްޑީޕީގެ މެންބަރުންގެ ތަސައްވުރެއް ވެސް އެބައޮތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހިނގަމުންދަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެމްޑީޕީގެ މެންބަރުން ހިތުއެޅި ކަމެއް، ކުރެހި މަންޒަރެއް ހަގީގަތަކަށް ހަދަން އެހެން ބަޔަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރާ ގުޅިފައިވާ ކޯލިޝަންގެ ބައިވެރިވެރިންނަށް ރައްދުވާ ގޮތަށް އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ނޫން އެހެން ބައެއް ވަޒީރުން ވަރަށް ނުފަރިތަކޮށް އުޅުއްވާ މަންޒަރު ފެންނަ ކަމަށް ވިދާޅުވި އެވެ.

"އެއީ މި ސަރުކާރު އަޅުގަނޑުމެންގެ ވިސްނުމުގައި، އަޅުގަނޑުމެން ހިންގުން... އަޅުގަނޑުމެންގެ ސަރުކާރަކަށް، އަޅުގަނޑުމެން މި ބޭނުންވާ، އަޅުގަނޑުމެން މި އުންމީދުކުރާ ކަންކަން، އަޅުގަނޑުމެން ހިތުއެޅި ގޮތެއް، އަޅުގަނޑުމެއް ހިތުއެޅި ކަމެއް، އަޅުގަނޑުމެން ކުރެހި މަންޒަރެއް، އެހެން މީހަކު ގޮސް އެހެން ބަޔަކަށް އެކަން، އެ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން އަޅުގަނޑުމެންނަށް ދަތި!" ނަޝީދު ވިދާޅު ވިއެވެ. "އަބަދުވެސް ފެނޭ ނުފަރިތަ ވެގެން އުޅުއްވާތަން. ވަޒީރު ބޭފުޅުން ވެސް. އަދި އެހެން އެހެން ބަޔަކު... އަޅުގަނޑު އެއްގޮތަކަށް ވެސް މި ދެންނެވީ އެމްޑީޕީގެ ވަޒީރުންގެ ވާހަކައެއް ނޫން... އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ތިޔަ ބޭފުޅުން އެބަ އެދެޔޭ ތި ބޭފުޅުން މި ސަރުކާރު ހިންގަން. ތިޔަ ބޭފުޅުން ބޭނުންވާ މިސްރާބަށް މި ސަރުކާރު ދިއުމަށް."

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ހިންގަމުން ގެންދަވަނީ އެމްޑީޕީގެ ސިޔާސަތުތައް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެމްޑީޕީގެ މެންބަރުންގެ އެދޭ ގޮތް އޮޅިވަޑައި ނުގަންނަވާނެ ކަމަށާ އެމްޑީޕީގެ ވިސްނުމާ ދެކޮޅަށް ރައީސް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

"އަނެއްކާވެސް ހަމަ ތަކުރާރުކޮށް ދަންނަވާނަން. އަޅުގަނޑު ބޭނުންވެ ހުރި ކަމެއް، އަޅުގަނޑުމެން އެންމެވެސް ބޭނުންވެ ތިބި ކަމެއް އެއީ ތި ބޭފުޅުން މި ސަރުކާރު ހިންގަން ތިބުން. އަޅުގަނޑަށް ފެންނަ ގޮތުގައި އެ މަގަށް އަޅުގަނޑުމެންނަށް ދެވޭނެ. އެ މިސްރާބު އަޅުގަނޑުމެންނަށް ހިފޭނެ." ރައީސް ނަޝީދު ރޭ ވިދާޅުވިއެވެ.