ބިދޭސީން

5،000 ބިދޭސީން އިމަށް ވަންނަން ވަނީ ދަނޑަށް!

Oct 19, 2019
6

ގަލޮޅު ދަނޑުގެ މަޖީދީ މަގާވީ ފަޅިން ފުރި ބާރުވެފަ އެވެ. ދަނޑުގެ ރަސްމީ ގޭޓް ހުންނަ ފަޅީގެ ގޮނޑިތައް ވެސް ގާތްގަނޑަކަށް އޮތީ ފުރިފަ އެވެ. ބެލެވޭ ގޮތުގައި މިހާރު ގަލޮޅު ދަނޑުގައި 5،000 ހާ މީހުން ތިބޭނެ އެވެ. މުޅި ދަނޑުގެ ކެޕޭސިޓީއަކީ 12،000 އެވެ. މިހާރު ދަނޑު ބޭން ކުރެވޭ ޖާގައިގެ ނިސްބަތަކީ 8000 މީހުނެވެ.

ދަނޑުގެ އެތެރޭގައި ތިބި މީހުންގެ އިތުރުން އޮލިމްޕަސް ކުރިމައްޗާ ވާގޮތަށް އޮންނަ ބަނަފްސާ މަގު ވެސް އޮތީ ފުރާލާފަ އެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ، ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވައްދަން އިކޮނޮމިކް މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމުގައި ބައިވެރިވެ މިއަދު ވެސް ގިނަ އަދަދެއްގެ ބިދޭސީން ތިބީ ދަނޑަށް ވަދެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ލޭބަ ޑިޕާޓްމަންޓުން ދަނޑުގައި ކުރިއަށް ގެންދާ "ރެގިއުލަރައިޒޭޝަން ޕްރޮގްރާމު" ފަށާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި 3،200 މީހުންނަށް ރީރަޖިސްޓާ ވާން އެޕޮއިންޓްމެންޓު ދިނެވެ.

"އެޕޮއިންޓްމަންޓް ހެއްދުމުން ލިބޭނެ ރަޖިސްޓްރީ ވާން ދާނެ ތާރީހެއް. އޮފީހަށް ޑޮކިއުމެންޓްތައް ހިފައިގެން ދިއުމުން ރަޖިސްޓްރީ ކޮށްދޭނެ،" އިކޮނޮމިކް މިނިސްޓްރީގެ އެސިސްޑެންޓް ޑިރެކްޓަރު ޒުބާނާ އިބްރާހިމް ވިދާޅުވި އެވެ

ގިނަ އަދަދެއްގެ ބިދޭސީން މިއަދު ވެސް ރީރަޖިސްޓްރާ ވާން ބޭނުންވެ، ގަލޮޅުދަނޑުގައި ތިބިއިރު އެޕޮއިންޓްމަންޓް ދޫކުރުމުގެ ކަންތައް މިއަދު ވެސް ކުރިއަށްދާނީ ހަވީރު 17:00 އާ ހަމައަށެވެ.

އެސްއޯ ފުލުހުންގެ ފާރައަށް ތިބެގެން ގަލޮޅު ދަނޑުގައި ކުރިއަށްދާ މި މަސައްކަތުގައި އިކޮނޮމިކް މިނިސްޓްރީގެ 50 އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވެ އެވެ. ރަޖިސްޓްރީން ވާންދާ ބިދޭސީންގެ އަތުން މި ވަގުތު ނަގަނީ ބޭސިކް އިންފޮމޭޝަން އާއި ކޮންޓްރެކްޓް ނަމްބަރު އަދި ވަގުތުން ނަގާ ފޮޓޯ އެކެވެ.

އިމިގްރޭޝަން އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް 60،000 ބިދޭސީން އުޅޭނެ އެވެ. ނަމަވެސް މިއަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ބެލެވެ އެވެ.