ޑރ. މުހައްމަދު ޖަމީލް އަހުމަދު

ނަޝީދަށް ޖަމީލް: ދީނަށް މަލާމަތް ނުކުރޭ

އެމްޑީޕީގެ ނަމުގައި ރައީސް މުހައްމަދު ނަޝީދަށް ވެސް ދީނަށް މަލާމާތް ކުރުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ އެމްޑީއެންގެ މައްސަލާގައި ރައީސް ނަޝީދު އެކި ގޮތްގޮތަށް ވާހަކަ ދައްކަވަމުން ގެންދަވާތީ އެވެ. އަދި ދީނުގެ އެކި ކަންކަމާ ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދައްކަވަމުން ގެންދަވާތީ އެވެ.

ޖަމީލް ވިދާޅުވީ އިސްލާމްދީނާއި ގައުމަށް ވުރެ އެއްވެސް މީހަކު ބޮޑެއް ނުވާނެ ކަމަށެވެ.

"އެމްޑީޕގެ ނަމުގައި ރައީސް ނަޝީދަށް ވެސް ދީނަށް މަލާމާތްކުރުމުގެ ފުރުސަތެއް ނުދެވޭނެ. މިއަދު ކޮމިޝަން ހެދިފައިވާ ގޮތަށް މާދަމާ ވެސް ކޮމިޝަން ހެދޭނެ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވަނީ އެކިއެކި ވާހަކަތައް ދައްކައިގެން މަލާމާތް ކުރަމުންދިޔަ ނަމަވެސް ދީނާ ކުޅެން މި ފަސްގަނޑުން ފުރުސަތެއް ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް، އެ ރިޕޯޓްގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ރޭ އޮތް ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު އެ ރިޕޯޓް އެއްކޮށް ވިދާޅުވެފައިވާ ކަމަށާ އެ ރިޕޯޓް ލިޔުނު މީހުން ރިޕޯޓްގައި އިސްލާމް ދީނަށް ނަފުރަތު އުފެއްދުމަށް ބަސްތަކެއް ބޭނުން ކޮށްފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ރިޕޯޓްގައި މާތް ރަސޫލާއަށް ނިސްބަތްކޮށް ލިޔެފައިވާ ބައިތަކުގައި ރަސޫލާއަށް ދޭންޖެހޭ އިހުތިރާމް ދީފައި ނެތުމާއި، ބައެއް ބަސްތައް ބޭނުން ކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށެވެ.

ނަޝީދު ވަނީ އެހެން މެދުވެރިވީ ކަމަށް ފެންނަ ސަބަބުތައްވެސް ވިދާޅުވެ ދެއްވާފައެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެ ރިޕޯޓް ލިޔުނު ކުދިންވެސް އެއްވެސް ހާލެއްގައި އެ ބަސްތައް ބޭނުން ކޮށްފައި އެވަނީ އެ މާނާގައި ކަމަށް އަޅުގަނޑަކަށް ނުފެނުނު އެ ރިޕޯޓް ކިޔައިގެނެއް. އިނގިރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފާ ހުރި ގޮތެއް. އެއީ ވާގޮތެއް ބައެއް ޔުނިވާސިޓީތަކުގައި ގިނަ ދުވަހު ކިޔަވާފަ ހުރުމުން." އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

އަދި އޭގެ ކުރިން އެމަނިކުފާނު ވަނީ ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ބަދަލު އަންނަމުންދާ ކަމަށްވެސް ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.

ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހިންގެ މާޒީ ފުހެވި ދިވެހިން އުޅެމުންދިޔަ ގޮތް ބަދަލު ކުރުމަށް އެތައް ގޮތްތަކެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ގެނުވި އެއްކަމަކީ ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ކަމަށެވެ.

"އަޅުގަނޑުގެ މަންމަ އެހެން ގޮތަކަށް ހެދުން އަޅަންފެށީ އަޅުގަނޑުގެ އުމުރުން 30 އަހަރުވީ ފަހުން. މަންމަ ހެދުން އަޅާގޮތް، މަންމަ ބަދަލުކުރީ ބުރުގާއެއް އަޅާފަ، އެހެން ގޮތަކަށް ހެދުން އެޅީ... އޭގެ ކުރީގައި މާމަ ހެދުން އެޅިގޮތެއް ވެސް ހުރި. މާމަވެސް ބައެއް ފަހަރަށް ހަވީރަށްވީމަ ބުރުގާއަކަށް ބަދަލުކުރޭ... އެހެންނަމަވެސް އެއީކީއެއް ފަހުން މަންމަ އަޅާފަ ހުރި ބުރުގާއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

މިފަދަ ބައެއް ވާހަކަތަކާއި ގުޅިގެން ނަޝީދު ދެއްކެވި ވާހަކަފުޅުތަކާމެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.
އަދި މިދިއަ ބުރާސްފަތި ދުވަހުގެ ރޭ އޮތް ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ އެމްޑީޕީއަކީ ލާދީނީ ޕާޓީއެއް ނޫން ކަމަށާ އެމްޑީޕީގެ މެންބަރުންނަކީ ލާދީނީ ބައެއް ކަމަށް ގަބޫލު ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށްވުރެ ގިނައިން ނަމާދަށް އަރާ، ޒަކާތްދޭ އަދި ރޯދަ ހިފާ، ހެޔޮ ލަފާ ނަސޭހަތް ދޭ ބަޔަކު ވެސް ނޫޅޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އިނގޭތޯ އެއްވެސް ހާލެއްގައި ލާދީނީ ޕާޓީއެއް ކަމަށް، ލާދީނީ ބައެއް ކަމަށް ތީގެ އެއްވެސް ބޭފުޅަކު ގަބޫލު ކޮށްގެން ނުވާނެ އިނގޭތޯ. އެއީކީ އަޅުގަނޑުމެނެއް ނޫން. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންނާ އެއްވަރަށް މިސްކިތަށް ނަމާދަށް އަރާ ބައެއް ވެސް، ޒަކާތްދޭ ބައެއް ވެސް، ރޯދަ ހިފާ ބައެއް ވެސް، ހެޔޮ ލަފާ ނަސޭހަތްދޭ ބައެއް ވެސް، ރަނގަޅަށް އުޅޭ ބައެއްވެސް އަޅުގަނޑަށް ޔަގީން ކަށަވަރު މިރާއްޖޭގައި ވަކި ނޫޅޭނެ! އެ ބޭފުޅުން، އެހެން ބޭފުޅުން އަޅުގަނޑުމެންނާ ވާދައަށް އެ ދައްކާ ވާހަކަތަކަށް އަޅުގަނޑުމެން އަޅާލާކަށް ނުޖެހޭ. އެެއްގޮތަކަށް ވެސް ނުޖެހޭ. އަޅުގަނޑުމެން ސޯލިހުންގެ ގޮތުގައި، ރަނގަޅު ގޮތުގައި ކުރަމުން ގެންދިޔައީމަ އެ ނިމުނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.