ހަބަރު

ފުށިދިއްގާ ފުލުހުންގެ ބެލުމުގެ ދަށަށް

Oct 19, 2019
5

ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއްގެ ތުހުމަތު އޮއްވާ ގަވާއިދާ ހިލާފަށް ޓޫރިސްޓުން އަރުވައި ހިދުމަތް ދެމުންދިޔަ އދ. ފުށިދިއްގާ އަށް ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އަރައި، އެ ރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުށިދިއްގާގެ ބެލެނިވެރިކަމުގެ މައްސަލަ ކޯޓްގައި ހިނގަމުން ދަނިކޮށް އެ ރަށުން ބަޔަކު މާލީ މަންފާ ހޯދާ މައްސަލަ އަވަސް އިން އިއްޔެ ސަމާލު ކަމަށް ގެނައުމުން ފުލުހުންނާއި، ޓޫރިޒަމްގެ ޓީމެއް އެ ރަށަށް އެރީ މިއަދު އެވެ.

ފުށިދިއްގާ މައްސަލާގައި ޓޫރިޒަމް މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ރަށަށް ގޮސް ބެލިބެލުމުން ގާނޫނާ ހިލާފަށް ހިދުމަތް ދެމުންދާކަން އެނގިފައިވާ ކަމަށާ، ޓޫރިސްޓުންނަށް ހިދުމަތް ދޭކަން އެނގޭނެ ރެކޯޑްތަކާއި އެހެނިހެން ވަސީލަތްތައް ފެނިފައިވާ ކަމަށެވެ.

އަދި ވިދާޅުވީ އެރަށުގައި ތިބީ ދެ ބިދޭސީން ކަމަށާއ އެ ދެ މީހުންގެ އަތުގައި ވޯކް ޕާމިޓް ވެސް ނެތް ކަމަށެވެ.

"މިހެން މިކަން ހުރުމާ ގުޅިގެން، ޓޫރިޒަމް މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން މިރަށް ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައުމަށް ވާނީ ފުލުހުންނަށް ދަންނާފައި. ފުލުހުންގެ ހުއްދަނެތި އެއްވެސް މީހަކު އެރަށަށް ނާރަން އެދެން. އެރަށުގައި ހުރި ތަކެތި ރަށުން ބޭލުމުގެ މަސައްކަތް ދަނީ ކުރަމުން. މިހާރު މައުލޫމާތު ލިބިފައިވާ ގޮތުގައި ރަށުގައި ތިބި ދެ މީހުންނާއި ރަށުގެ އިންވެންޓްރީއެއް ނެގި، ރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފައިވާނެ،" އަލީ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އެ ރަށް ވިއްކާލި ދެ ކުންފުނިން ވަނީ ދައުލަތަށް ފައިސާ ދައްކާފަ އެވެ. އެ ދެ ކުންފުނިން ދެއްކި ފައިސާ އަށް އެއިން ކުންފުންޏަށް ރަށެއް ވެސް އަދި އެއްވެސް ބަދަލެއް ލިބިފައެއް ނެތެވެ. އެއާ ހިލާފަށް އެހެން ފަރާތަކުން ގެންދަނީ ރަށުގައި ދެ ބިދޭސީއަކު ބައިތިއްބައިގެން މާލީ މަންފާ ހޯދަމުންނެވެ. ޕިކްނިކް އައިލެންޑެއް ނުވަތަ ރިސޯޓެއްގެ ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އެ ރަށުން އެ މީހުން ގެންދަނީ މާލީ މަންފާ ހޯދަމުންނެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި ގާނޫނާ ހިލާފަށް ވިޔަފާރި ކުރި މައްސަލަ ބަލަން ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށާ، މިރަށުގައި ބިދޭސީން ބަހައްޓައިގެން ވިޔަފާރި ކުރިކަމަށް ތުހުމަތު ކުރެވެނީ މ. ހަސްތީ އަހުމަދު ހަލީލަށް ކަމަށެވެ.

"މި ރަށަކީ މޯލްޑިވިއާނާ އާއި އެމްއެޗްއައި ކުންފުނިން ފައިސާ ދީފައިވާ ރަށެއް. މީގެ ކުރިން ދައުވާ ކުރަނީ މ. ހަސްތީ، އަހުމަދު ހަލީލް، އަހުމަދު ހަލީލްގެ މަސްލަހަތު ނެތް ކަމަށް ކޯޓް ޕްރޮސެސްއިން ފެންނަން އޮތް،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޑިސިޝަން މިއަދު ނެގިއިރު، މި ރަށުގެ ހިއްސާ އޮތްކަމަށް ބުނާ އެއް ކުންފުނީގެ ބޭރުގެ އިންވެސްޓަރު މާދަމާ ރާއްޖެއަށް ޒިޔާރަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

"މި ހުރިހާ ކަމެއްގެ މެދުގައި މިކަހަލަ ކަންކަން ނިންމަން ޖެހުމަކީ އިންވެސްޓާ ކޮންފިޑެންސާއި ރައްޔިތުންގެ ކޮންފިޑެންސަށް ވަރަށް ކްރިޓިކަލް ކަންތައް. އެކަމަކު ގާނޫނާ ހިލާފަށް ކުރާ ކަންތަަކަށް އަޅުގަނޑުމެން ދޭނީ ޒީޔޯ ޓޮލެރަންސް،" އަލީ ވިދާޅުވި އެވެ.