ކުޅިވަރު

މާޔޯކާއިން ރެއާލް ބަލިކޮށްފި، ބާސާ އެކަކަށް

ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ސްޕެނިޝް ލީގަށް ޕްރަމޯޓްވި މާޔޯކާ އަތުން 1-0 ބަލިވެ، ޑޮމެސްޓިކް ސީޒަންގައި ރެއާލް މެޑްރިޑް ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.

ރެއާލް އަށް ކުރިމަތިވި ބައްޔާއެކު، ތާވަލުގެ އެއް ވަނައިގައި އެ ޓީމުން ދެމެހެއްޓި މަގާމު ވަނީ ގެއްލިފަ އެވެ. މިހާރު އެއް ވަނައިގައި އޮތީ އިއްޔަ އެއިބާ އަތުން މޮޅުވި ވާދަވެރި ބާސެލޯނާ އެވެ. ރެއާލް މެޗަށް ނުކުތީ އަނިޔާގެ ސަބަބުން ޓީމުގެ އަށް ކުޅުންތެރިޔަކު ބާކީ ކުރުމަށް ފަހު އެވެ. މީގެ އިތުރުން ފޯވަޑް އެޑެން ހަޒާޑްއަށް ދަރިއަކު ލިބުމުން މަޔޯކާ މެޗުގައި އޭނާ ބައިވެރި ވެފައެއް ނުވެ އެވެ.

މެޗުގެ ވަރަށް ކުރީކޮޅު މަޔޯކާއިން ވަނީ އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗު ފެށިގެން ހަ ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ލަގޯ ޖޫނިއާ އެވެ. މުޅި މެޗުގައި ރެއާލުން ބޯޅަ ކޮންޓްރޯލް ކުރިނަމަވެސް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ތަނަވަސް ނުކުރެވުނެވެ.

ޑިފެންޑަރު އަލްވާރޯ އޮޑްރިއޯޒޯލާއަށް ދެ ވަނަ ރީނދޫކާޑާއެކު ރަތް ކާޑު ދެއްކުމުން މެޗުގެ ފަހު 15 މިނެޓް ރެއާލުން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

އެއިބާ އާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ 3-0 ންނެވެ. އެ ޓީމުގެ ތިން ލަނޑު ކާމިޔާބު ކުރީ ތިން ފޯވަޑުން ކަމަށްވާ، އެންޓްއާން ގުރީޒްމަން، ލިއޮނަލް މެސީ ލުއިސް ސުއަރޭޒް އެވެ. މެސީ އާއި ގުރީޒްމަންގެ ކޮމްބިނޭޝަން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ އެވެ. އެ ދެ ކުޅުންތެރިން ވަނީ ލަނޑު ޖެހުމުގެ އިތުރަށް ލަނޑުޖަހަން ފުރުސަތުވެސް ތަނަވަސް ކޮށްދީފަ އެވެ.