ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ވަޓްސްއަޕް ގްރޫޕުގައި ލިޔުއްވި މެސެޖެއްގަ އެވެ.
ވަރަށް ކުރުކޮށް ރައީސް ނަޝީދު ވިދާޅުވީ މީހުން މަރަން ގޮވާ، މުޅި ރާއްޖޭގައި ބިރުވެރިކަން ފަތުރާ މީހުން ސާފުކޮށް އެނގޭ އިރު، އެކަމަށް ފިޔަވަޅެއް ނާޅުއްވާތީ ހޯމް މިނިސްޓަރުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ.
އޭގެ ފަހުން ރައީސް ނަޝީދު ވަނީ މިރޭ ޓްވީޓެއް ވެސް ކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި ކަމަށްބުނެ މުޅި ރާއްޖެ ހަމަ ނުޖެހުމުގެ ތެރެއަށްދާން ދޫކޮށްލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. މީހުން މަރާށާ އަނިޔާ ކުރަން ގޮވާލާ އެންމެހާ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓާއި ގުޅިގެން ރައްޔިތުން ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފަ އެވެ. އެ ރިޕޯޓް ކުށްވެރި ކުރަން ބައެއް ބޭފުޅުން ދެކޮޅު ހައްދަވަމުން ގެންދަވާއިރު، އެފަދަ ބޭފުޅުން މުޅިން ވެސް ދައްކަވަނީ ހަރުކަށި ވިސްނުމުގެ ވާހަކަތަކެވެ.
އެމްޑީއެންއާ ދެކޮޅަށް ރާއްޖޭގެ އެކި ރަށްރަށުގައި ހިނގާލުންތައް ބާއްވަމުން ދާއިރު، އެއިން ހިނގާލުމެއްގައި ބައިވެރިވި ބައެއް މީހުން މީހުން މަރަން ގޮވާލާ ކަމަށް ބުނާ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގެ މައްސަލަ ބަލަން ބައެއް ފަރާތްތަކުން ގޮވާލަމުންދާއިރު އެ ވީޑިއޯއަށް އެހެން ބަަޔަކު އަޑު އަޅާފައިވާ ކަމަށްވެސް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުން ދެއެވެ.