އާދަމް ޝަރީފު އުމަރު

މުޅި ގައުމުގެ ނަން ކިލަނބުވެއްޖެ: އާދަމް ޝަރީފް

އިތުބާރު ގެއްލިފައިވަނީ ހޯމް މިނިސްޓަރުގެ އެކަނި ނޫން ކަމަށާ މުޅި ގައުމުގެ ނަންވެސް ކިލަނބުވެފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މެންބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ޝަރީފް ވިދާޅުވީ އިތުބާރު ގެއްލިފައިވަނީ ހޯމް މިނިސްޓަރުގެ އެކަނި ނޫން ކަމަށާ މުޅި ގައުމުގެ ނަންވެސް ކިލަނބުވެފައިވާ ކަމަށެވެ.

"ބުޅާ ގޯނިން ބޭރުވެއްޖެ. ބިންގާ އެޅުނީ ކައްޗަށް." އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަންކަން ދެން ރަނގަޅު ކުރެވޭނީ ސަރުކާރުން ގުރުބާނީތަކެއް ވެގެން ކަމަށެވެ. އަދި މިއީ އެންމެންވެސް ގައުމީ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ވަޓްސްއަޕް ގްރޫޕުގައި ރައީސް ނަޝީދު ވަނީ މީހުން މަރަން ގޮވާ، މުޅި ރާއްޖޭގައި ބިރުވެރިކަން ފަތުރާ މީހުން ސާފުކޮށް އެނގޭ އިރު، އެކަމަށް ފިޔަވަޅެއް ނާޅުއްވާތީ ހޯމް މިނިސްޓަރުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން ރައީސް ނަޝީދު ވަނީ ރޭ ޓްވީޓެއް ވެސް ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި ކަމަށްބުނެ މުޅި ރާއްޖެ ހަމަ ނުޖެހުމުގެ ތެރެއަށްދާން ދޫކޮށްލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. މީހުން މަރާށާ އަނިޔާ ކުރަން ގޮވާލާ އެންމެހާ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓާއި ގުޅިގެން ރައްޔިތުން ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފަ އެވެ. އެ ރިޕޯޓް ކުށްވެރި ކުރަން ބައެއް ބޭފުޅުން ދެކޮޅު ހައްދަވަމުން ގެންދަވާއިރު، އެފަދަ ބޭފުޅުން މުޅިން ވެސް ދައްކަވަނީ ހަރުކަށި ވިސްނުމުގެ ވާހަކަތަކެވެ.

ބައެއް މީހުންގެ ނަޒަރުގައި އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގައި ސަރުކާރު ވަނީ ފަހަތު ފަޔަށް ބުރަވެފައެވެ.