ކުޅިވަރު

މޮޅު ނުވެވުމުން ކްލޮޕްގެ ފާޑުކިޔުން ރެފްރީއަށް

ލިވަޕޫލް ކޮޅަށް މެންޗެސްޓާ ޔުނައިޓަޑުން ގޯލް ޖެހުމުގެ ކުރިން، ޔުނއަިޓާޑްގެ ހާފުގެ ތެރެއިން އެ ޓީމުން ކުރި ފައުލަށް ރެފްރީ އިލްތިމާސް ނުކުރުމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ހިތްހަމަނުޖެހިއްޖެ އެވެ.

މާކޯޝް ރަޝްފާޑް ކާމިޔާބު ކުރި ލަނޑުން ޔުނައިޓަޑު މެޗުން މޮޅުވެގެން ނިމެން ދަނިކޮށް، ލިވަޕޫލުން މެޗުގެ ފަހު ކޮޅު ލަނޑު ޖެހުމުން މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. މިއީ ލީގްގައި ބަލި ނުވެ ލިވަޕޫލުން ދަމަހައްޓަމުން ދިޔަ ޓްރެކަށް ނިމުން އައި މެޗެވެ.

މެޗުގެ 36 ވަނަ މިނެޓްގައި ރަޝްފާޑް ލަނޑު ޖެހީ، ޑެނިއަލް ޖޭމްސް ނަގައިދިން ހުރަހަކުންނެވެ. އެހެންނަމަވެސް އެ ބޯޅަ ތަނަވަސް ކުރުމުގެ ކުރިން ޔުނައިޓަޑްގެ އަމިއްލަ ހާފުގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ވިކްޓާ ލިންޑެލޯފް، ލިވަޕޫލްގެ ޑިވޯކް އޮރީޖީއަށް ޗާޖު ކުރި އެވެ. އެއީ ފައުލެއް ކަމަށް ބުނެ ލިވަޕޫލްގެ ބެންޗުން އެޕީލްވެސް ކުރި އެވެ. ކްލޮޕް ބުނީ އެއީ ފައުލެއް ކަމަށެވެ. އަދި އޭނާ ވަނީ އެކަމާ ގުޅިގެން ރެފްރީ ނިންމިނިންމުމަށް ހިތްހަމަނުޖެހުން ފާޅު ކޮށްފަ އެވެ.

"ކިހިނެއް ރެފްރީއަށް ބުނެވޭނީ އެއީ ކުލިއާ ފައުލެއް ނޫނޭ، 100 ޕަސަންޓް ޔަގީން އެއީ ފައުލެއް ކަން،" މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުންޏެވެ. "އަހަރެން ހުރީ ރުޅި އައިސްފައެއް ނޫން، އެކަމަކު ރެފްރީ އެއީ ފައުލެއް ނޫން ކަމަށް ދެއްކުމުން އަހަރެން ހުރީ ހައިރާން ވެފަ، އަހަންނަށް ހީވަނީ ހުރިހާ އެންމެންވެސް އެކަމަށް އެއްބަސްވާނެ ހެން އެއީ ފައުލެއް ކަމަށް."

ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ލިވަޕޫލްގެ ސެޑިއޯ މާނޭ ވަނީ، ޔުނައިޓަޑްގެ ކީޕަރު ޑޭވިޑް ޑެހެއާގެ ގޯލަށް ބޯޅައެއް ފޮނުވާލާފަ އެވެ. މާނޭ ގޯލް ޖަހައި އުފާފާޅުވެސް ކުރި އެވެ. އެހެންނަަވެސް ވީއޭއާރުން ދެއްކީ މާނޭ އަތުގައި ބޯޅަ ޖެހިފައިވާ ކަމަށެވެ.

ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ، 85 ވަނަ މިނެޓްގައި އެޑަމް ލަލާނާ އެވެ. ކުރިން އޮތް އަށް ޕޮއިންޓްގެ ލީޑް ލިވަޕޫލަށް ވަނީ ކުޑަ ވެފަ އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ލިވަޕޫލާ ދެމެދު މިހާރު އޮތީ ހަ ޕޮއިންޓެވެ.