ރިޕޯޓް

އުދަ އަރާ ކާނިވާ ދޮވެލުމުން ކެފޭތައް ބަންދުވެފައި

Aug 13, 2015

ރޭ މާލޭގެ އިރު އުތުރު ފަރާތު އަލިމަސް ކާނިވަލާއި އެ ސަރަހައްދުގެ އެހެން ހިސާބުތަކަށް އުދައާއެކު ރާޅު އެރުމުގެ ސަބަބުން ކާނިވަލުގައި ހުރި ރެސްޓޯރަންޓްތަކާއި އެ ވަގުުތު އެ ސަރަހައްދުގައި ހުރި ސައިކަލްތަކާއި ވެހިކަލް ތަކަށް ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ.

ރޭ އުދަ އެރުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވެފައިވަނީ ކާނިވަލުގައި ހުންނަ އެންމެ ބޮޑު ކެފޭ އަދި ރެސްޓޯރެންޓް "ސިޓްރަން" އަށެވެ. މީގެ އިތުރުން ކާނިވާ ހިމެނޭ ބިމުގައި ފުރަތަމަ ހުޅުވި ކެފޭ، ލިލީސް އަށެވެ. އެ ސަރަައްދުގެ އެހެން ކެފޭތަކަށް ވެސް  ރޭ ގެއްލުންވި އެވެ.

ސިޓްރަންގެ މާކެޓިން މެނޭޖަރު އަހުމަދު ޝިރުހާން ވިދާޅުވި ގޮތުގައި ރޭ އުދަ އެރުމުގެ ސަބަބުން ރެސްޓޯރަންޓަށް މާލީ ގޮތުންވި ގެއްލުމުގެ އަދަދު އަދި ސާފެއް ނުކުރެވެ އެވެ. ނަމަވެސް ރާޅު ބޮޑުވެ އުދައާއެކު ރާޅު އެރި ވަގުުތު ފުލުފުލުގައި އައި ބޮޑެތި ރާޅުތަކާއެކު ކެފޭ ގެ ހާމަ ސަރަަހައްދުގެ ހުރިހާ މޭޒުތައް ވިއްސި ވިހާލިވެ، ތަށިތައް ތަޅައިގެން ގޮސް ފައިވާ ކަމަށާއި ލައިޓުތަކަށް ލޮނު ވަނުމުގެ ސަބަބުން މުޅި ރެސްޓޯރަންޓުން ކަރަންޓު ގޮސް ގެއްލުންތައްވި ކަމަށެވެ.

"ފައިސާއިން ކިހާވަރެއްގެ ގެއްލުމެއް ކަން އަދި ބުނާކަށް ނޭނގޭ. އައުޓް ޑޯގައި [ހާމަ ސަރަހައްދުގައި] ހުރި ލައިޓުތައް އެއްކޮށް ހަލާކުވެފައި ހުރީ. މީހުންނަށް ގެއްލުންތަކެއް ވި ކަމެއް އެނގިފައެއް ނެތް" ޝިރުހާން ވިދާޅުވިއެވެ. "އެކަމަކު އުދަ އެރި ގަޑީގައި ބައެއް ކަސްޓަމަރުންގެ ފޯނުތަކާއި ތަޅުދަނޑި ފަދަ ތަކެތި ލޮނުގަނޑުގެ ތެރެއަށް ދިޔަ، ގިނަ ބަޔަކު މަޑުކުރަންޖެހުނު ވަރަށް ދަން ވަންދެން ވެސް. އެ ގަޑީގައި ތިބި އެއްވެސް ކަސްޓަމަރެއްގެ އަތުން ފައިސާއެއް ވެސް ނުނަގަން،"  

ރާޅު އަަރައި ސިޓްރޮން "ދޮވެލި" ވަގުތު އެ ތަނުގައި ފަސްދޮޅަހެއްހާ މީހުން ތިއްބެވެ. އެއިން އެއްވެސް ކަސްޓަމަރެއްގެ އަތުން ފައިސާއެއް ނުނަގަ އެވެ.

"މިއަދުވެސް އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ މިއަދު ޚިދުމަތްދެމުން ދަނީ ސިޓްރަންގެ މަތީ ބައިގައި އެކަނި،" އެއް ފަހަރާ 300 މީހުންނަށް ހިދުމަތް ދެވޭ ރެސްޓޯރެންޓްގެ މާކެޓިން މެނޭޖަރު ވިދާޅުވި އެވެ.

ރޭގެ "ބޮޑު ރާޅު" ގައި އެންމެ ބޮޑަށް ނުރައްކަލާ ކުރިމަތިވި އެއް ރެސްޓޯރެންޓަކީ "ލިލީސް" އެވެ. ލިލީސް ވަނީ ގާތްގަނޑަކަށް މުޅިން ދޮވެލާފައެވެ. އޭގެ ސަބަބުން ރެއިން ފެށިގެން ލިލީސް ވަނީ ތަޅު އަޅުވާފައެވެ.

ލިލީސް ބަންދުކޮށްފައިވާއިރު އެތާނގެ މޭޒުތަކާއި ގޮނޑިތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އަދި ބަދިގެ ތެރެއަށް ލޮނުގަނޑު ދެމިގަތުމުގެ ސަބަބުން ބަދިގެ ސާމާނާއި ހިފާގެންގުޅޭ އެއްޗެއްހި އޮޔާގޮސް ގެއްލުންތައް ވެފައި ވެއެވެ.

"އުދައިގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާތީ އެކަންކަން ހަމައަކަށް އެޅުވުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ. އަލުން ހިދުމަތްދޭނެ ފެށޭނީ ހަފުތާއެއްހާ ދުވަސްފަހުން،" ލިލީސްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

އުދައިގެ ސަބުން ލިލީސް އާއި ސިޓަރަން ހިދުމަތަށް ބުރޫ އަރާފައިވާއިރު ރޭ ފެތުރުނު ލޮނުގަނޑުން އައި ހުއްޓުމާއި މިއަދާއި މިރޭ ވެސް މާލެ އާއި ބައެއް ސަަރަހައްދުތަކަށް އުދަ އަރާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ އެ ސަރަހައްދުގެ އެހެން ކެފޭތަކުގެ ހިދުމަތް ވެސް ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ.

މާލޭގެ އިރު އުތުރު ފަރާތުގެ އެ ސަރަހައްދަކީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުން ފެށިގެން އޯގަސްޓްގެ ނިޔަލަށް އުދަ އާއި ރާޅު އަރުވާ ސަރަހައްދެކެވެ. ނަމަވެސް މިއީ 1997 ވަނަ އަހަރުގެ ފަހުން އެ ސަރަހައްދަށް އުދައާއެކު ބޮޑު ރާޅު އަރައި މިހާ ބޮޑަށް ލޮނުގަނޑު ދެމިގަނެ ގެއްލުންތައްވި ފުރަތަމަ ފަހަރެވެ.

އުދައިގެ ސަބަބުން ކާނިވާ "ހުއްޓުމަކަށް" އާއިރު ރޭ އެ ސަރަހައްދުގައި ޕާކްކޮށްފައިވާ އާންމުންގެ ގިނަ އަދަދެއްގެ ސައިކަލާއި ވެހިކަލްތަކަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާއިރު ބައެއް ސައިކަލްތައް ހުރީ ވަޅުލެވިފައެވެ.

މިއަދު މާލެ އާއި ރާއްޖޭގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށްލާފަ ކޮށްފައިވާއިރު އުދަ އަރާނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައެވެ. މެޓުން  ބުނާ ގޮތުން މިއަދު މާލެއަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު 12:50 ގައެވެ. މިރޭ 12:45 ގަ އެވެ. ދެކުނުން އައްޑޫ ސިޓީއަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު 1:30 ގައެވެ. މިރޭ 1:25 ގައެވެ.