އޭސީސީ

ނުފޫޒު ފޯރުވާ މޭރުމުން ސަމީރު ނުރުހުން ފާޅު ކުރެއްވި: ޝިއުނާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ގުޅުއްވައި ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ފަދަ މޭރުމަކުން ވާހަކަ ދެއްކެވި ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ މިއަދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެއްޖެ އެވެ.

-- ސަމީރަކީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ މެންބަރެކެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިއުނާ ވިދާޅުވީ އޭނާ ކޮމިޝަނާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ކޮމިޝަނުން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން ސަމީރު އޭނާއަށް ފޯނުން ގުޅުއްވި ކަމަށާއި ސަމީރު ވާހަކަ ދެއްކެވީ ނުފޫޒު ފޯރުވާ ފަދަ މޭރުމަކުން ކަމަށެވެ.

"މައްސަލައަކާ ގުޅިގެން މައުލޫމާތުތައް ހޯދުމަށް ގުޅުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން، އެހެން ނަމަވެސް ރައީސް އޮފީހުގެ މިނިސްޓަރު ވާހަކަ ދެއްކި ގޮތުން ފާހަގަ ކުރެވުން އެއީ ވަކި ކަމެއް ކުރުމަށް ބޭނުންވި ކަމަށް،" ޝިއުނާ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފަހުން ކޮމިޓީގެ މުގައްރިރު، މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ސުވާލު ކުރެއްވުމުން ޝިއުނާ ވިދާޅުވީ ސަމީރު ގުޅުއްވައި ވާހަކަ ދެއްކެވީ މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލާގައި ސްޓޭޓް މިނިސްޓަރު ހާޒިރު ކުރަން ނިންމާފައި އޮތުމުން ސަމީރު ހިތްހަމަޖެހި ވަޑައި ނުގެންނެވި ކަމަށެވެ.

"އެ ބޭފުޅާ [ސަމީރު] އަޅުގަނޑަށް ގުޅުއްވާފައި ކޮންސާން ރެއިޒް ކުރެއްވީ ދައުލަތުގެ ފަތްކޮޅު އެރުވި ބޭފުޅަކަށް މިއީ ހެއްޔޭ ކަން ކުރައްވަންވީ ގޮތަކީ؟ ސްޓޭޓް މިނިސްޓަރެއްގެ މައްްސަލައެއްގައި މިނިސްޓަރު އޭސީސީއަށް ހާޒިރު ކުރަން އުޅުމުން އެ ކަމާ ހިތްހަމަނުޖެހި ގުޅުއްވީ، އެކަމު އެއީ ގުޅުއްވަން ޖެހޭ ފަދަ މައްސަލައެއް ނޫން،" ޝިއުނާ ވިދާޅުވި އެވެ.

އެއީ ކޮން ސްޓޭޓް މިނިސްޓަރެއްތޯ މެންބަރަކު ސުވާލު ކުރެއްވުމުން އެއީ ބަލަމުންދާ މައްސަލައަކަށްވާތީވެ އެ ސްޓޭޓް މިނިސްޓަރު ނަމެއް އޭސީސީން ހާމައެއް ނުކުރި އެވެ. އޭސީސީގެ މެންބަރު އިބްރާހިމް ޝަކީލު ވިދާޅުވި ގޮތުގައި އެ މިނިސްޓަރު މިހާރު އޭސީސީއަށް ހާޒިރުކޮށް ސުވާލު ކޮށް ބަޔާން ވެސް ވަނީ ނަގާފަ އެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ ކޮމިޝަނަށް އެއްވެސް ބޭފުޅަކު ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި ފޯރުވަން އުޅެފިނަމަ އެ ކަމެއް ވެސް ހާމަ ކުރައްވާނެ ކަމަށެވެ. އެ ގޮތުން މަޖިލީހުގެ ކޮމިޓީއަށް ވެސް އެ މައުލޫމާތުތައް ހާމަ ކުރުމަށް ފަސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.