ހަބަރު

ހިޔާނާތުގެ ބައިވެރިން ކޮމިޓީގައި ތިބި ކަމަށް ޕީޖީ ވިދާޅުވުމުން ސިއްރުކޮށްފި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ބައިވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވިދާޅުވުމުން އެ ކޮމިޓީން މީޑިއާ ނެރެ ސިއްރުކޮށްފި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ތާވަލުކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓު ރިޕޯޓުތަކާ ގުޅޭ ގޮތުން ޕީޖީ އޮފީހުގެ ބޭފުޅުންނާ ބައްދަލު ކުރުމެވެ.

އެގޮތުން ކޮމިޓީއަށް ޕީޖީ ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ކޮމިޓީގައި ތިއްބެވި ބައެއް މެންބަރުންގެ ހާޒިރުގައި އެމްއެމްޕީއާރްސީގެ މައުލޫމާތުތައް ހާމަ ކުރަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށާއި އެއީ ކޮމިޓީގައި ވެސް އެ ހިޔާނާތުގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ހިމެނޭތީ ކަމަށެވެ. އެހެންކަމުން އެ މެންބަރުން ކޮމިޓީ އިން ތަނާޒިލުވެވަޑައިގަތުމުގެ ކުރިން މައުލޫމާތު ހިއްސާ ކުރައްވަން ދަތިވާނެ ކަމަށް ބިޝާމް ވިދާޅުވި އެވެ.

ކޮމިޓީގައި ހިމެނޭ މެންބަރުންގެ އިތުރުން މި ސަރުކާރުގެ ބައެއް ވަޒީރުންނާއި ފަނޑިޔާރުންނާއި އިތުރު މަޖިލިސް މެންބަރުންގެ މައްސަލަ ވެސް އެ ހިޔާނާތުގެ ރިޕޯޓުގައި ހިމެނޭ ކަމަށް ބިޝާމް ވިދާޅުވި އެވެ.

ބިޝާމްގެ ވާހަކަތަކާ ގުޅިގެން ވަގުތުން އެ ކޮމިޓީ ސިއްރު ކުރުމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވި އެވެ. އަދި ކޮމިޓީ ސިއްރުކޮށްގެން ކުރިޔަށް ގެންދިޔުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި އެވެ. އަދި ވޯޓަށް އަހައި ކޮމިޓީ ސިއްރު ކުރަން ނިންމެވި އެވެ.

މާލިއްޔަތު ކޮމިޓީގައި ހިމެނޭ މެންބަރުން

  • ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު (މުގައްރިރު)
  • ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް (ނައިބު މުގައްރިރު)
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ
  • ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް
  • ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު
  • އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
  • ފެލިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ފަޒުލް ރަޝީދު
  • ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
  • ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު
  • ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ
  • ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް
  • ހުޅުދޫ ދައިރާގެ މެންބަރު އިލްޔާސް ލަބީބް
  • މަރަދޫ ދާއިރާގެ މެންބަރު އިބްރާޙިމް ޝަރީފް
  • ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް