ވިޔަފާރި

ލަންޑަންގެ ބައެއް ތަންތަނުގައި ރާއްޖޭގެ އިޝްތިހާރު

Oct 21, 2019
4

އިނގިރޭސިވިލާތުގެ ލަންޑަންގެ ބައެއް ރޭލް ސްޓޭޝަންތަކާއި ބަސް ތަކުގައި ރާއްޖޭގެ އިޝްތިހާރު ޖަހައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނި ގޮތުގައި ލަންޑަންގައި ރާއްޖެ އިޝްތިހާރު ކުރަން ފަށާފައިވާ ކެމްޕޭނުގެ ދަށުން، ލަންޑަން ސިޓީގެ ބައެއް ބަސްތަކާއި ވޯޓާލޫން ޓްރޭން ސްޓޭޝަންގައި "ވިޒިޓް މޯލްޑިވްސް" ފެންނަ ޑިޖިޓަލް ބިލް ބޯޑު ބަހައްޓާފައިވާ ކަމަށެވެ.

ލަންޑަންގައި ރާއްޖޭގެ އިޝްތިހާރު ބޯޑުތަކެއް ޖަހާފައިވަނީ މިދިޔަ މަހުގެ 23 އިން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ކުންފުނިން ބުނި ގޮތުގައި "ވިޒިޓް މޯލްޑިވްސް" ޖަހާފައިވާ ބިލް ބޯޑާއި ވީޑިއޯ ސްކްރީން ތަކެއް ބަހައްޓާފައި ވާނެ އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ ރާއްޖޭގެ އިޝްތިހާރު ޖެހި ވޯޓާލޫ ޓްރެއިން ސްޓޭޝަންއަކީ ލަންޑަންގެ އެންމެ ބިޒީ ސްޓޭޝަން ކަމަށާ، މި ސްޓޭޝަން މެދުވެރިކޮށް އަހަރަކު 94 މިލިއަން މީހުން ދަތުރުކުރާ ކަަމަށެވެ. އަދި ތިން ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކެމްޕޭނުގެ ދަށުން ގާތްގަނޑަކަށް 2.3 މިލިއަން މީހުންނަށް އިޝްތިހާރު ފެނިފައިވާނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ސެންޓަރަލް ލަންޑަންގެ ބަސް ސްޓޮޕްތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުގައި ދެ ހަފުތާ ވަންދެއް އިޝްތިހާރު ކުރެވިގެންދާނެ ކަމަށާ މިގޮތުން ބަަހައްޓާފައިވާ 40 މީޓަރުގެ ސްކްރީންއަކީ މިގޮތަށް ޔޫރަޕުގައިވެސް ބަހައްޓާފައިވާ އެންމެ ފުޅާ ސްކްރީން ކަމަށެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ އެއް ގައުމެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 83,089 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 75,205 މީހުންނާ އަޅާބަލާއިރު 10.5 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެ އިޝްތިހާރު ކުރަން މިދިޔަ އަހަރު ކަނޑައަޅާފައި އޮތީ ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ގެ ބަޖެޓެކެވެ. ނަމަވެސް އާ ސަރުކާރުން މާކެޓިން ބަޖެޓު ވަނީ 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) އަށް ބަދަލުކޮށްފަ އެވެ.

އެމްއެމްޕީއާރްސީ އިން މެދުވެރިކޮށް ރާއްޖެ ބައިވެރިވާ ފެއާތަކާއި ބޭރުގެ އިވެންޓްތަކުގައި ކުރިން ދިވެހި ނޫސްވެރިން ބައިވެރި ކުރެ އެވެ. ނަމަވެސް، މި އަހަރުން ފެށިގެން އެމްއެމްޕީއާރްސީއިން މިހާރު އެ ފުރުސަތެއް ނުދެ އެވެ. އޭގެ ބަދަލުގައި ރާއްޖެ އިން ބޭރުގެ ނަން މަޝްހޫރު ނޫން ލިޔުންތެރިން ރާއްޖެ ގެންނަން ހަރަދު ކުރެ އެވެ.