ސެކިއުލެރިޒަމްގެ ނުރައްކާތެރިކަން ދިވެހިރާއްޖެއަށް އޮތް މިންވަރު ދިރާސާ ކުރާނެ ފަރާތެއް ހޯދަން ޖަމިއްޔަތުއް ސަލަފުން އިއުލާނުކޮށްފި އެވެ.
ޖަމިއްޔަތުއް ސަލަފުން ބުނީ މި ދިރާސާގެ ބޭނުމަކީ ދިވެހިރާއްޖޭގެ އިސްތިގްލާލް ނަގާލާ ފަރާތްތައް އުފެދިގެން އަންނަ ގޮތާއި، އެމީހުންގެ އެންމެހާ ހަރަކާތްތަކާ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނާއި ޚިލާފު އެފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތައް ދެނެގަތުން ކަމަށެވެ.
އަދި އެފަރާތްތަކުން އެކި ނަންނަމުގައި ހިންގާ އެންމެހާ ހަރަކާތްތަކާއި ވޯކްޝޮޕްތަކާއި އަދި އޭގެ ސަބަބުން އުފެދޭ ނުބައި އަސަރުތައް އިލްމީ ގޮތެއްގައި ދިރާސާކޮށް، ކަމާއިބެހޭ ރިޕޯޓެއް އެކުލަވާލުން ކަމަށެވެ.
އެކަމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތިން ފަރާތެއް މެދުވެރިކޮށް އެ ދިރާސާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ސަލަފުން ވަނީ ބުނެފައެވެ.
ސެކިއުލެރިޒަމްގެ ނުރައްކާތެރިކަން ދިވެހިރާއްޖެއަށް އޮތް މިންވަރު ދިރާސާ ކުރުމުގެ މަސައްކަތް ސަލަފުން ކުރާކަން ހާމަކޮށްފައި މިވަނީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓް ދިނީ ތިން އިލްމުވެރިއަކު މެދުވެރިކޮށް ދިރާސާ ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.
ފުލުހުން ރޭ ނެެރެފައިވާ ދެ ސަފުހާގެ ބަޔާނެއްގަިއ ބުނެފައިވަނީ އެމްޑީއެންގެ ރިޕޯޓްގައި ހުރި އިސްލާމީ އަގީދާއާ އިސްލާމީ ޝަރީއަތާއި ޚިލާފު ވާހަކަތަކާއި އިސްލާމްދީނަށާއި މާތް ރަސޫލާއަށް ފުރައްސާރަކޮށްފައި ހުރި ވާހަކަތައް ތަހުގީގު ބޭނުމަށްޓަކައި ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ދީނީ ތިން އިލްމުވެރިއަކު މެދުވެރިކޮށް ވަކިވަކިން މި ރިޕޯޓާ ގުޅޭ އިލްމީ ދިރާސާއެއްކޮށް އިސްލާމީ އަގީދާއާ އިސްލާމީ ޝަރީއަތާއި ޚިލާފު ވާހަކަތަކާއި އިސްލާމްދީނަށް މާތް ރަސޫލާއަށް ފުރައްސާރަކޮށްފައި ހުރި ވާހަކަތަކުގެ މައްޗަށް އިލްމީ ގޮތެއްގައި ތަފްސީލީ ދިރާސާ ރިޕޯޓެއް ތައްޔާރު ކުރަމުންދާ ކަމަށެވެ.
އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ރިޕޯޓާ ގުޅޭ އިލްމީ ދިރާސާއެއް ފުލުހުންނަށް ހުށައެޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.