ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ސިޔާސީ މަސައްކަތަށް ޝަހީމް ރާއްޖެއަށް!

އޯއައިސީގައި އަދާކުރައްވަމުން ގެންދަވާ މަގާމަށްފަހު، މިއަހަރުގެ ޑިސެންބަރު މަހު އެނބުރި ރާއްޖެ ވަޑައިގެން ސިޔާސީ މަސައްކަތަށް ނިކުންނަވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ކަންކަމަށް އޭނާ ފާޑުވިދާޅުވަމުން ގެންދަވަނީ އޭނާ މިހާރު މަސައްކަތް ކުރައްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެންގުމަކަށްތޯ ބެލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައިވަނި ކޮށެވެ. ޝަހީމް ވަނީ އެމްޑީއެން ރިޕޯޓްގެ މައްސަލާގައި އަޑުއުފުއްލަވާނެ ކަމަށާ ބިރުދެއްކި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަހުން ޝަހީމް ވަނީ ފޭސްބުކްގައި ދިގު ޕޯސްޓެއް ކުރައްވާފައެވެ.

ޝަހީމް ވިދާޅުވީ އޯއައިސީގެ ވަޒީފާއަކަށް ވަޑައިގެންނެވީ އަހަރު ދުވަހަށް ކަމަށާ އެ މަގާމުގެ މުއްދަތު މިއަހަރުގެ ޑިސެންބަރުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އަދި އެމަނިކުފާނު ގަސްތުކުރައްވަނީ ޑިސެންބަރު މަހަށް ފަހު ރާއްޖެ ވަޑައިގެން ސިޔާސީ ގޮތުން ރައީސް ޔާމީންގެ އަރިހުގައި ޕީޕީއެމް އާއެކު ކުރިއަށް ދިއުމަށް ކަމަށެވެ.

"އަޅުގަނޑަކީ މުސްލިމު ދިވެހި ރައްޔިތަކީމެވެ. ރިޔާސީ އިންތިޚާބަށް ފަހު، އަޅުގަނޑު އޯއައިސީގެ ވަޒީފާއަށް އައީ އެއް އަހަރު ދުވަހަށެވެ. އަދި ޑިސެމްބަރު މަހުގައި އަހަރު ވާނެއެވެ. އެއަށް ފަހު އަޅުގަނޑު ގަސްތު ކުރަނީ ރާއްޖޭގައި މަސައްކަތް ކުރެވޭ ގޮތައް އެނބުރި އަޅުގަނޑުގެ ލޯބިވާ ގައުމަށް ދިއުމަށެވެ. ސިޔާސީ ގޮތުން މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބިފައިވަނީ ޕީޕީއެމް އާއެކުގެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް ދާނީ ރައީސް ޔާމީން އަރިހުގައި ޕީޕީއެމް އާއެކީ ގައެވެ." ޝަހީމްގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.

ޝަހީމް ވިދާޅުވީ އަހަރު ދުވަހު ސައުދީގައި ހޭދަކޮށްފައިވާއިރު ރާއްޖެއަށް ވަރަށް ގިނަ ޚިދުމަތް ކޮށްދީފައި ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާ ބެހިފައި ނުވާނެ ކަމަށާ އަމިއްލަ ހައިސިއްޔަތުން ވަކި ކަމެއްގައި ޕްރޮފެޝަނަލް ނުވަތަ އިލްމީ ޚިޔާލެއް ދިނުމަކީ އަދާކުރައްވާ މަގާމުގެ ހައިސިއްޔަތުން މަނާކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާ ނުބެހެމެވެ.. އަމިއްލަ ހައިސިއްޔަތުން ވަކި ކަމެއްގައި ޕްރޮފެޝަނަލް ނުވަތަ އިލްމީ ޚިޔާލެއް ދިނުމަކީ މަގާމުގެ ހައިސިއްޔަތު މަނާކުރާ ކަމެއް ނޫނެވެ. އަޅުގަނޑު މިހާތަނަށް ރާއްޖޭގައި ހިނގި ކަންކަމުގެ ތެރެއިން ޕްރޮފެޝަނަލް ގޮތެއްގައި ވާހަކަ ދައްކާފައި ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއި އެމްއެންޔޫއާ އެއްކޮށްލުމަށް ދެކެވުނު ވާހަކައިގައި އެއްކޮށް ނުލުމަށާއި، ޓެރަރިޒަމްގެ ގާނޫނުގެ މައްސަލައާއި، މީގެ އިތުރުން އެމްޑީއެންގެ މައްސަލައެވެ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ތިން ސަރުކާރެއްގައި އިސްލާމީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި މިނިސްޓަރުކަން ކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލާކަމާ، ޗާންސެލާގެ މަގާމުވެސް ފުރާފައިވާ މީހެއްގެ ހައިސިއްޔަތުން ރާއްޖޭގެ އިސްލާމީ އެކި އެކި ކަންކަމުގައި ޕްރޮފެޝަނަލް ގޮތެއްގައި ނުވަތަ އިލްމީ ގޮތެއްގައި ޚިޔާލު ދިނުމަކީ ކުރެވޭނެ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

"ދުވަހަކު ވެސް ސަރުކާރަށް ހުތުރު ބަހެއް އަޅުގަނޑު ބުނެފައި ނުވާނެއެވެ. ރައީސަށްވެސް ނައިބް ރައީސަށްވެސް، ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ބަދު ބަހެއް، ސިޔާސީ ގޮތުން ދެކޮޅުވެރި ބަހެއް ބުނެފައި ނުވާނެއެވެ."

އިސްލާމީ އަގީދާއާއި ރާސޫލާގެ ތާހިރު ޝަރަފްވެރި ޝަޚުސިއްޔަތަށް ބަދު ބަހެއް ބުނުމަކީ ގާނޫނީ އިމުގެ ތެރެއިން އެކަމެއް ހުއްޓުވަން ޖެހޭ ކަމެއް. މިކަމުގައި އަޅުގަނޑު މި ބުނާ ބަސް ހުއްޓުވޭނެ އެއްވެސް އާދަމުގެ ދަރިއެއް މި އުޑު ދަށުގައި ނުހުންނާނެ. ސަލަވާތާއި ސަލާމް ލެއްވި ކީރިތި މާތް ރަސޫލާގެ މަތިވެރި ޝަޚުސިއްޔަތަކީ އަޅުގަނޑުމެންގެ ލޮލުގެ ނޫރަށް ވުރެ އަޅުގަނޑުމެންގެ ގާތުގައި އަގުހުރި ޝަޚުސިއްޔަތެއް.. ދިވެހިރާއްޖޭގައި ޒައްރެއްގެ މިންވަރުގެ ބާރެއް އަޅުގަނޑު އަތުގައި އޮތް ނަމަވެސް އެކަލޭގެފާނުގެ ދިފާއުގައި އެކަލޭގެފާނުގެ ނަންފުޅުގެ މަތިވެރި ކަމަށްޓަކައި އަޅުގަނޑަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް، އިރު އަރައި އޮއްސުމުގެ ކުރިން ހެޔޮގޮތުގައި އެޅީމުސް.. އެކަލޭގެފާނުގެ ދިފާއުގައި ފިޔަވަޅު އެޅެން ނުކުޅެދޭ މަގާމެއް ގައިވެސް ހިދުކޮޅަކު ވެސް ނުހުންނާނަން
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު | ކުރީގެ އިސްލާމިކް މިނިސްޓަރު

އެމްޑީއެންގެ ރިޕޯޓް މައްސަލައިގައި ވާހަކަ ދެއްކީ އަމިއްލަ ހައިސިއްޔަތުން ކަމަށާ އެއްވެސް ފަރާތަކުން މީހުންނަށް ބިރު ދައްކައި ގޯނާކޮށް އިންޒާރު ދިނުމަކީ ތާއީދު ކުރާ ކަމެއްނޫން ކަމުގައި ވެސް ބުނެފައިވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އިސްލާމީ އަގީދާއާއި ރާސޫލާގެ ތާހިރު ޝަރަފްވެރި ޝަޚުސިއްޔަތަށް ބަދު ބަހެއް ބުނުމަކީ ގާނޫނީ އިމުގެ ތެރެއިން އެކަމެއް ހުއްޓުވަން ޖެހޭ ކަމެކެވެ. މިކަމުގައި އަޅުގަނޑު މި ބުނާ ބަސް ހުއްޓުވޭނެ އެއްވެސް އާދަމުގެ ދަރިއެއް މި އުޑު ދަށުގައި ނުހުންނާނެއެވެ. ސަލަވާތާއި ސަލާމްލެއްވި ކީރިތި މާތް ރަސޫލާގެ މަތިވެރި ޝަޚުސިއްޔަތަކީ އަޅުގަނޑުމެންގެ ލޮލުގެ ނޫރަށް ވުރެ އަޅުގަނޑުމެންގެ ގާތުގައި އަގުހުރި ޝަޚުސިއްޔަތެކެވެ. ދިވެހިރާއްޖޭގައި ޒައްރެއްގެ މިންވަރުގެ ބާރެއް އަޅުގަނޑު އަތުގައި އޮތް ނަމަވެސް އެކަލޭގެފާނުގެ ދިފާއުގައި އެކަލޭގެފާނުގެ ނަންފުޅުގެ މަތިވެރިކަމަށްޓަކައި އަޅުގަނޑަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އިރު އަރައި އޮއްސުމުގެ ކުރިން ހެޔޮގޮތުގައި އެޅީމުހެވެ. އެކަލޭގެފާނުގެ ދިފާޢުގައި ފިޔަވަޅު އެޅެން ނުކުޅެދޭ މަގާމެއް ގައިވެސް ހިދުކޮޅަކު ވެސް ނުހުންނާނަމެވެ." ޝަހީމްގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.