އެމްއެންޑީއެފް

ސަލާމަތީ ކަންކަމާ ގުޅޭގޮތުން ސިފައިންނާ ފުލުހުން މަޝްވަރާކޮށްފި

ރާއްޖޭގެ ސަލާމަތީ ކަންތައްތަކާ ގުޅޭގޮތުން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްވެރިން މިއަދު ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވައިފި އެވެ.

ބަންޑާރަ ކޮށީގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ނަމަވެސް ސަލާމަތީ ބާރުތަކުން ކޮށްފައިވާ މަޝްވަރާގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މިއަދި ބައްދަލުވުމުގައި އެމްއެންޑީއެފްގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން މި ބައްދަލު ކުރެއްވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެ މުއައްސަސާގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގެ ސަލާމަތީ ކަންތައްތަކާ ގުޅޭގޮތުން ސަލާމަތީ ބާރުތަކުން މަޝްވަރާ ކޮށްފައިވަނީ އެމްޑީއެން ނަމުގައި އުފައްދާފައިވާ ޖަމިއްޔާއަކުން އިސްލާމްދީނާ، މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާ މައްސަލައާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ބޮޑުވެ، ފުލުހުން އެކަމުގެ ތަހުގީގު ފަށާފައި ވަނިކޮށެވެ. އަދި ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދާ ގޮތާމެދު ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑުވެފައި ވަނިކޮށެވެ.