ކޮފީ ބޯ އާބާދީގެ ދުނިޔޭގެ ނިސްބަތް މިހާރު އެ ވަނީ 42 ޕަސެންޓަށް އަރައިފަ އެވެ. އިންޓަނޭޝަނަލް ކޮފީ އޯގަނައިޒޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަނީ 8.5 ބިލިއަން ކިލޯގެ ކޮފީ ބޮމުންނެވެ.
ކޮފީ ބޯ މީހުން އިތުރުވުމާ ގުޅިގެން ކޮފީގެ ޑިމާންޑް ވެސް ވަރަށް މަތި އެވެ. އެގޮތުން 1990 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމަ އަށް ކޮފީގެ އުފެއްދުންތެރިކަން ނުވަތަ އޭގެ ދަނޑުވެރިކަން ވަނީ 50 ޕަސެންޓް މައްޗަށް ޖެހިލައިފަ އެވެ.
އެންމެ ގަދަ އަށް ކޮފީ ބޮއެ މި އުޅެނީ ފިންލޭންޑްގެ މީހުންނެވެ.
ކޮންމެއަކަސް ކޮފީ ބުއިމުގެ މި ޓްރެންޑެއްގައި މިއަދު ބޮޑު ފޯރިގަނޑެއް ހިފައި ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި މީހުން ކޮފީ ބުޔަސް އިޓަލީ މީހުން ކޮފީ ބޯ ގޮތަށް ދުނިޔޭގެ އެއްވެސް ހިސާބެއްގެ ބަޔަކަށް އަދިވެސް ކޮފީ ބޯން ނޭނގޭކަން ފާހަގަކޮށްލަން ޖެހެ އެވެ.
އެހެންވީމަ އިޓަލީ މީހުން ކޮފީ ބޯ ގޮތަށް ކޮފީ ބޯނީ ކިހިނެތް ހެއްޔެވެ؟ ކޮފީ ގިރަން އިޓަލީގައި ހާއްސަ ފޯމިއުލާއެއް ގެންގުޅެނީ ހެއްޔެވެ؟ އިޓަލީގެ ކޮފީ އެހާ މަޝްހޫރުވެފައި އެހާ ހާއްސަވަނީ ކީއްވެ ހެއްޔެވެ؟
އިޓަލީ މީހުން ކޮފީ ބޯ ގޮތާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި މީހުން ކޮފީގެ ރަހަ ތަޖުރިބާކުރާ ގޮތް ތަފާތުވާ ވާހަކަ ފަށަން މި ޖެހެނީ ދުނިޔެ އަށް މަޝްހޫރު އަދި އެންމެނަށް މީރު ސްޓާބަކްސް އިންނެވެ. މިއީ ކޮފީ ބޯން ފޯރިއެއް ހުންނަ ކޮންމެ މީހެއްގެ ވެސް ފެވަރިޓެކެވެ.
ނަމަވެސް އެނގޭ ހެއްޔެގެ؟ އިޓަލީ އިން ސްޓާބަކްސް ކޮފީއެއް ނުލިބެ އެވެ.
ދުނިޔޭގެ އެހެން ހުރިހާ ހިސާބެއްގައި ވެސް ސްޓާބަކްސް އަކީ ވަރަށް މަގްބޫލު ކޮފީ ބްރޭންޑެކެވެ. ނަމަވެސް މިއީ އިޓަލީ މީހުން ބޭނުންވާ ފެންވަރުގެ ކޮފީއެއް ނޫނެވެ. އިޓަލީގައި ސްޓާބަކްސް ނެތީ މި ސަބަބާ ހެދި ކަމަށް ވެސް ވެދާނެ އެވެ.
ހަގީގަތަކީ ސްޓާބަކްސްއޭ ކިޔުނު ކޮފީ ބްރޭންޑެއް ދުނިޔެ އަށް މަޝްހޫރުކުރި އެމެރިކާގެ ވިޔަފާރިވެރިޔާ އަދި ސްޓާބަކްސްގެ ސީއީއޯ ހަވަޑް ޝްލޫޒް އަށް ވެސް ކޮފީގެ އާދަޔާހިލާފު ރަހަ އާއި ކޮފީ ކަލްޗާގެ އެންމެ އުފާވެރި ބިތް ތަޖުރިބާކުރެވުނު ބިމަކީ އިޓަލީ ކަމަށް ވުމެވެ.
ސްޓާބަކްސް އުފެއްދުމުގެ ހިޔާލު ޝްލޫޒަށް ލިބުނީ އިޓަލީގެ ވެރިރަށް މިލާންގެ އެސްޕްރެސޯ ބާއަކުން ކޮފީއެއް ބޯލުމަށް ހޭދަކޮށްލި ވަގުތުކޮޅެއްގެ ތެރޭގަ އެވެ. ނަމަވެސް ސްޓާބަކްސް އަކީ އިޓަލީ މީހުންގެ ލައިފްސްޓައިލުން އިންސްޕަޔާވެގެން އުފެދުނު ބްރޭންޑަކަށް ވިޔަސް މި ކޮފީގެ ކަލްޗާ އާއި އިޓަލީ މީހުންގެ ކޮފީ ކަލްޗާ ވަރަށް ތަފާތެވެ.
ތަޖުރިބާކާރުން ބުނަނީ އިޓަލީ މީހުން ކޮފީގެ ބުއިންތަކަށް ކިޔާ ހިތްގައިމު ނަންތަކުން ދުނިޔޭގެ އެހެން މީހުން އެމީހުންގެ މެނޫތަކުގައި ކޮފީގެ ރަހަތަކަށް ނަންތައް ދީފައި ވިޔަސް އިޓަލީގެ ކޮފީ އާއި ދުނިޔޭގެ އެހެން ހިސާބުތަކުން ހަމަ އެ ނަން ނަމުގައި ލިބެން ހުރި ކޮފީ ތަފާތު ކަމަށެވެ.
ހަގީގަތަކީ އިޓަލީ މީހުން ގޮތަށް ކޮފީއާ މެދު ދެކޭ ދެ ވަނަ ބަޔަކު ވެސް ދުނިޔޭގައި ނެތް ކަމެވެ. އެމީހުންނާއި ކޮފީއާ ދެމެދު އޮންނަނީ ހިތާއި ހިތުގެ ގުޅުމެކޭ ބުނެވިދާނެ އެވެ.
އެމީހުން ކޮފީ ބޯ ގޮތް ނުވަތަ ކޮފީގެ ތަޖުރިބާކުރާ ގޮތް ގެއްލިގެން ނުދީ ހިފެހެއްޓުމަށްޓަކައި ހާއްސަ އިންސްޓިޓިއުޓެއް ވެސް އިޓަލީގައި އުފައްދާފައި އެބަހުއްޓެވެ. އިޓާލިއަން އެސްޕްރެސޯ ނެޝެނަލް އިންސްޓިޓިއުޓް ގެ މަގުސަދަކީ އިޓަލީ މީހުން ކޮފީ ބޯ ގޮތް ރައްކާކުރުމެވެ.
މި އިންސްޓިޓިއުޓްގެ ޗެއާމަން ލުއިގީ ޒެއްޗީނީ ވިދާޅުވަނީ އެމީހުން މިފަދަ އިންސްޓިޓިއުޓެއް އުފައްދަން ޖެހުނީ އިޓާލިއަން ކޮފީއޭ ބުނެ ދުނިޔޭގެ އެހެން ހިސާބުތަކުގައި އިޓަލީގެ ކޮފީއާ ނުގުޅޭ ސިފަތައް ޖެހިފައިވާ ކޮފީތައް ވިއްކައި އިޓަލީ މީހުން ކޮފީ ބޯ ގޮތޭ ކިޔާފައި ހަގީގަތެއް އާދަތަކެއް ދަސްކޮށްދޭތީ ކަމަށެވެ.
މިސާލަކަށް އިޓަލީގައި ކޮފީއަކަށް އޯޑަރުކުރާއިރު ކޮފީއެކޭ ވެސް ނުބުނާނެ އެވެ. އަދި ހިތަށް އެރި ގަޑިތަކެއްގައި ކޮފީގެ އެކި ވައްތަރުތަކެއް ވެސް އެމީހުން ނުއެއް ބޮ އެވެ.
އިޓަލީ މީހުންނަށް އެންމެ ކަމުނުދާ ވައްތަރުގެ ކޮފީ އަކީ ފްލެވާޑް ކޮފީ އެވެ. ވެނީލާ އާއި ހެޒްލްނަޓް ފަދަ ފްލެވާތަކުގެ ކޮފީއެއް އިޓަލީގެ ކޮފީ ބާއަކުން ލިބޭކަށް ނުހުރެ އެވެ.
ކޮފީ އަށް އިޓަލީ މީހުން އޯޑަރުކުރާ ގޮތް ތަފާތުވެ އެވެ.
މިސާލަކަށް ބޭނުންވަނީ "ލައްތޭ" އެއް ކަމުގައި ވަނީ ނަމަ ބުނަން ޖެހޭނީ "ލައްތޭ މަކިއާޓޯ" އެއް ގެނެސްދިނުމަށެވެ. ހަމައެކަނި "ލައްތޭ" އެކޭ ބުނެފި ނަމަ ގެނެސްދޭނީ މިލްކް ތަށްޓެކެވެ. "ލެއްތޭ" ކޮފީ އަކީ އާންމުކޮށް އޭގައި ވަރަށް ކިރު ގިނަ ބުއިމެކެވެ.
އިޓަލީ މީހުންގެ ކަޕަޗީނޯ ވެސް ތަފާތެވެ. އަދި އެނގޭ ހެއްޔެވެ؟ އިޓަލީ މީހަކު އާންމުކޮށް ހެނދުނު ދިހައެއް ނުވަތަ އެގާރައިގެ ފަހުން ކަޕަޗީނޯއެއް ނުބޯނެ އެވެ. ސަބަބަކީ އެމީހުންނަށް އެއީ ހެނދުނުގެ މޯނިންކަނޑާލުމަށް ހާއްސަ ބުއިމަކަށް ވާތީ އެވެ. ނުވަތަ ބްރޭކްފާސްޓާ އެކު ނަގަން ހާއްސަ ކޮފީއަކަށްވާތީ އެވެ.
އިޓަލީގެ ކަޕަޗީނޯއެއްގައި އޭގެ ފޯމްގަނޑު ބޯވެފައި މިލްކް ހުންނަ މިންވަރު މަދުވާނެ އެވެ. އިޓަލީ މީހުންނަށް މި ކޮފީ ހެނދުނުގެ ގަޑިއަށް ހާއްސަވާއިރު އެއްވެސް ކެއުމަކަށް ފަހު ވެސް މިފަދަ މިލްކް ކޮފީއެއް އެމީހުން ނުބޮ އެވެ.
ވަރަށް ހިތިކޮށް ހެނދުނުގަޑީގައި އެސްޕްރެސޯ ބުއިމަކީ ވެސް އިޓަލީ މީހުންގެ ގޮތެކެވެ. އެކަމަކު އެސްޕްރެސޯއެއް ބޭނުންވެގެން އިޓަލީ މީހަކު އެސްޕްރެސޯއަކަށް އޯޑަރެއް ނުކުރާނެ އެވެ. އިޓަލީ މީހުން އެސްޕްރެސޯ ދަންނަނީ "އަން ކެފޭ" ގެ ގޮތުގަ އެވެ. ޑަބަލް އެސްޕްރެސޯއެއް ބޭނުންވެއްޖެ ނަމަ ބުނެލާނީ "އަން ކެފޭ ޑޮޕިއޯ" އެވެ.
އާންމުކޮށް އެސްޕްރެސޯއަކަށް އިޓަލީ މީހުން އަޅާނީ ހަތް ގްރާމުގެ ކޮފީ އެވެ. އިޓަލީގެ މި ރަހަ އާންމު ކޮފީ ޝޮޕަކުން ނުލިބެނީ ކޮފީ ޝޮޕްތަކުގައި އެސްޕްރެސޯ އަށް އަޅާ އާންމު ނިސްބަތް އަށް ގްރާމާއި 20 ގްރާމާ ދެމެދު އުޅޭތީ އެވެ.