އަނުޝްކާ ޝަރުމާ

"ސައްތޭ ޕޭ ސައްތާ" ރިމޭކްގައި ރިތިކާއ އަނުޝްކާ

މަޝްހޫރު ކޯރިއޮގްރާފަރު އަދި ޑައިރެކްޓަރު ފަރާ ޚާން އާއި ޑައިރެކްޓަރު ރޯހިތު ޝެޓީ ގުޅިގެން ފިލްމެއް އުފައްދާކަން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ. މިއީ އަމީތާބު ބައްޗަން ވަރަށް ކުރިން ކުޅެފައިވާ އަދި ވަރަށް ކާމިޔާބުވި ފިލްމެއް ކަމަށްވާ "ސައްތޭ ޕޭ ސައްތާ"ގެ ރިމޭކް އެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

އަދި މި ފިލްމުގެ ބަތަލަކަށް ރިތިކް ރޯޝަން، ބަތަލާ އަކަށް އަނުޝްކާ ޝަރުމާ ހަމަޖައްސާފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. މި ފިލްމު ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ. ކުރިޔަށް އޮތް ހަފުތާގައި އިންޑިއާގައި ފާހަގަކުރާ ދިވާލީ އާ ދިމާކޮށް މި ފިލްމު އިއުލާން ކުރަން ތައްޔާރުވަމުންދާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.

ރޯހިތު އާއި ފަރާ ގުޅިގެން މި ފިލްމު އުފައްދަން އުޅޭ ކަމުގެ އަޑުތައް އިތުރުވެފައިވަނީ ދެ ޑައިރެކްޓަރުން ވެގެން ކުރީގެ މަޖާ ފިލްމެއް އަލުން އުފައްދަން ގަސްތުކުރާ ކަމަށް އެ ދެ މީހުން ބުނުމާ ގުޅިގެންނެވެ. ފިލްމުގެ ނަން ނުބުނި ނަމަވެސް ފަރާ ބުނީ ރޯހިތު އާއި އޭނާ ގުޅިގެން ފިލްމެއް އުފައްދަން ގަސްތުކުރާ ކަމަށެވެ. އެ ފިލްމު ރޯހިތު ޕްރޮޑިއުސްކުރާއިރު ޑައިރެކްޓްކުރާނީ ފަރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފަރާ ބުނި ގޮތުގައި ފިލްމު އިއުލާން ކުރުން ލަސްވަނީ "ސޫރިޔަވަންޝީ" ގެ ޝޫޓިންގައި ރޯހިތު ބިޒީކޮށް އުޅޭތީ ކަމަށެވެ.
ކޮންމެއަކަސް މި ފިލްމުގެ ބަތަލާ އަކަށް ދީޕިކާ ޕަދުކޯން ހަމަޖައްސައިފިކަމުގެ ޚަބަރުތަކެއް ވެސް ފެތުރުނެވެ. ނަމަވެސް ފަހުން ޚަބަރު ލިބެން ފެށީ އަނުޝްކާ ޝަރުމާ އަށް ބަތަލާގެ ރޯލު ދީފައިވާ ކަމަށެވެ.

ފިލްމުގެ ބަތަލަކީ ރިތިކް ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ރިތިކް މި ވާހަކަ ދޮގުކޮށްފައި ވެއެވެ. ރިތިކް ބުނި ގޮތުގައި އޭނާއަކީ އަމީތާބް ބައްޗަންގެ ފޭނެކެވެ. އެހެންވެ އަމީތާބު ކުޅެފައިވާ ރޯލެއް ކުޅެން ލިބިއްޖެނަމަ ވަރަށް އުފާވާނެ އެވެ. ނަމަވެސް އޭނަ ކުޅޭނީ "ސައްތޭ ޕޭ ސައްތާ" ކަމެއް ޔަގީނެއް ނޫނެވެ.

ނަމަވެސް އިންޑިއާގެ ނޫހަކުން ބުނި ގޮތުގައި އަނުޝްކާ އާއި ރިތިކް ވަނީ މި ފިލްމަށް ފައިނަލް ވެފަ އެވެ.