މުހައްމަދު ސައީދު

ހާލަތުގެ ޒިންމާ ޖޭޕީއާ އަދާލަތުން ނަގަންޖެހޭނެ: ސައީދު

ރާއްޖޭގައި ހިނގަމުންދާ ދީނާ ޚިލާފު ކަންކަމުގެ ޒިންމާ އެމްޑީޕީއެކޭ އެއްގޮތަށް ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީންވެސް ނަގަންޖެހޭނެ ކަމަށް މާވަށު ދާއިރާގެ ެމެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މި ރާއްޖޭގައި ލާދީނީ އެތައް ކަމެއް ހިނގަމުންދާއިރު ޖުމްހޫރީ ޕާޓީ އޮތީ ބަހެއްވެސް ބުނެލަން ނޭންގިފައި ކަމަށެވެ. އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާ މިއަދު ހިނގަމުންދާ ކަންކަމުގެ ހިއްސާ އެމްޑީޕީއެކޭ އެއްވަރަށް ޖޭޕީއާ އަދާލަތުން ނަގަންޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"މިއަދު މި ހުރިހާ ކަމެއްގައި އަދާލަތު ޕާޓީއާ ޖުމްހޫރީ ޕާޓީއާ އެމްޑީޕީން ހިއްސާ ނަގަންވާނީ އެއް ވަރަކަށް." ސައީދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރު ގެނައުމުގައި ވަރަށް ބޮޑު ހިއްސާއެއް އޮތް ޕާޓީއެކެވެ. ނަމަވެސް ނިމިގެންދިޔަ މަޖިލީސް އިންތިޚާބުގައި ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްނުވެވުމުން ޖޭޕީން މަސައްކަތް ކޮށްފައިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ އެކުގައެވެ.

އޭގެ ފަހުން ދެ ޕާޓީން ގުޅިގެން މަސައްކަތެއް ކޮށްފައި ނުވާއިރު، ސަރުކާރު ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ. އަދި ޖުމްހޫރީ ޕާޓީއާއެކު ދެން މަސައްކަތް ކުރާނީ ސަރުކާރު ކޯލިޝަނުން ވަކިވުމުން ކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ.

ދާދިފަހުން އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ޖޭޕީއަކީ މި ސަރުކާރު ދަމަހައްޓަން ވިއްދާފައިވާ "ކައްތިރި" އެއްގެ ގޮތުގައި ސިފަ ކުރައްވާ މި ވަގުތަކީ ސަރުކާރުގެ ތެރެއިން ޖޭޕީ ނުކުންނަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ.. އަދި ސަރުކާރުގައި ދެމި ތިބުމަކީ ސީދާ ގޮތުން "ލާދިނިއްޔަތު" ފަތުރަން އެހީތެރިވެ ދިނުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި އޭނާ ވަނީ އެކަމާ ދެކޮޅަށް ރައީސް ޔާމީނާއެކު ގައުމީ މަސައްކަތް ކުރަން ޖޭޕީގެ ލީޑަރަށް ގޮވާލައްވާފަ އެވެ.

"އަޅުގަނޑު އަހާލަން މި ސަރުކާރު ދަމަހައްޓާ ކައްތިރީގެ ގޮތުގައި ވިއްދާފަ އޮތް ޕާޓީގެ ލީޑަރަށް... ތިޔަ ބޭފުޅާ، މި ސަރުކާރުގެ ތެރެއިން މާއްދީ ބޭނުންތަކަށްޓަކައި މި ސަރުކާރު ދަމަހައްޓަން ތި ކުރައްވާ މަަސައްކަތަކީ ކޮންގޮތަކުން ދީނީ ވިސްނުމެއްގައި ނުވަތަ ގައުމީ ވިސްނުމެއްގައި ކުރައްވާ ކަމެއްތޯއޭ؟ ފަޅުތަކާއި ރަށްތަކާ އެއްޗެއްސަކީ ﷲ ދެއްވިއްޔާ ނޫނީ ލިބޭނެ އެއްޗެއް ނޫން. މިއަދު އެބަޖެހޭ ގައުމީ ވިސްނުމުގައި، ދީނީ ވިސްނުމުގައި ނުކުންނަންވަން.. މި ގައުމުގައި އިސްލާމްދީން ހިމާޔަތް ކުރަން ތި ބޭފުޅުންގެ ޕާޓީން ބޭނުންވާނަމަ މިއީ ވަގުތު" ގާސިމަށް ދެއްވާ މެސެޖެއްގެ ގޮތުގައި މުއިއްޒު ވިދާޅުވިއެވެ.