ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރި ސަމާސާއެއް ވިހަވެ، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް އަނިޔާވެފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ތަޅުމުން ބޭރުގައި ހިނގައިދިޔަ މިކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލު ކަމަށް ގެންނަމުން އަލީ އާޒިމް ވިދާޅުވީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހަމަލާ ދިނުމުގެ ސަބަބުން ކެލާ ދާއިރާގެ މެންބަރުގެ ބޮލަށް އެނބުރުން އަރާފައިވާ ކަމަށެވެ.
"އެހެންވީމަ މިއީ ވަރަށް ބޮޑު މައްސަލައެއް، މިއީ ބަލަން ޖެހޭނެ މައްސަލައެއް، މިފަދަ ކަންކަން ހިނގައިގެން ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަލީ އާޒިމް ވިދާޅުވި އެވެ.
އާޒިމް އެހެން ވިދާޅުވުމުން މަޖިލީހުގެ ރައީސް އެކަމަށް އެއްވެސް އެއްޗެއް ވިދާޅު ނުވެ، މަޖިލިސް ކުރިއަށް ގެންދަވަން ފެށުމުން މެންބަރު ނުރުހުން ފާޅު ކުރެއްވުމުން މަޖިލީހުގެ ސެކިއުރިޓޓީ ފޮނުއްވައި ކެލާ ދާއިރާގެ މެންބަރުގެ ހާލު ބެއްލެވުމަށް ރައީސް ނަޝީދު އެންގެވި އެވެ.
އެ ތުހުމަތާ ގުޅިގެން ގާސިމް އިބްރާހިމް މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކެލާ ދާއިރާގެ މެންބަރުގެ ގައިގާ ނުޖަހާ ކަމަށެވެ. ނަމަވެސް އޭނާ "ސޭޓޭ" ގޮވީމަ އަތް ހުރާލި ވަގުތު، އަތުން ޖެހުނު ކަމަށެވެ.
"އަތުން މަޑުމަޑުން ޖެހިލީ، އެހެންވެ އެ ވާހަކަ ވެސް ބުނެލީ، ރައްޔިތުންނަށް ހީވާނެ އަޅުގަނޑު މީހަކު ގައިގާ ތަޅައިގަތީއޭ، އެހެނެއް ނޫން، ސަމާސާއެއް ކުރި ކުރުމުގައި އަތް ޖެހުނު އޭނާގެ ބޮލުގައި، އެއީ ތެދު ވާހަކައެއް، ވަރަށް މަޑުމަޑުން ގޮސް ޖެހިލީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކެލާ ދާއިރާ މެންބަރު ބޮލަށް އެނބުރުން އަރާފައިވާ ކަމަށާއި ނަމަވެސް އެއީ އޭނާގެ އަތުން ޖެހިގެންވި ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. އެއީ ލޭގެ ޕްރެޝަރު މަތިވެގެންވާ ގޮތެއް ކަމުގައި ވެދާނެ ކަމަށެވެ.
"އެތަނުގައި ވަރަށް ގިނަ ބޭފުޅުން ތިއްބެވި، އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ ފިލްމް ކުޅޭ ތަނެއް ކަމަކަށް،" ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ އެ ވާހަކަތަކާ ގުޅިގެން އަދި އާޒިމްގެ ތުހުމަތާ ގުޅިގެން ވެސް މަޖިލީހުގެ ރައީސް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ގާސިމް ވާހަކަ ނިންމާލެއްވުމުން "އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ ގާނޫނު ހަދާ މަޖިލިސް" ކަމަށް ވިދާޅުވި އެވެ.