އެފްއޭއެމް

ސައުތު އޭޝިއަން ގޭމްސް އަމާޒަކީ ގޯލްޑް: ބައްސާމް

އޮލިމްޕިކް ކޮމިޓީގައި މަޝްވަރާ ކުރެވުނު ގޮތަށް ކަންތައް ކުރަން އެފްއޭއެމުން ބޭނުންނުވާ ކަމަށާކަމަށާއި އަމާޒަކީ ސައުތު އޭޝިއަން ގޭމްސްގެ ދެ ޓީމުގެ ވެސް ރަން މެޑަލް ހޯދުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅު ވެއްޖެ އެވެ.

އެފްއޭއެމްގެ ނެޝަނަލް ޓީމު އެޑްވަައިޒަރީ ކޮމިޓީގެ ފަރާތުން، ގައުމީ އަންހެން ޓީމާ ބައްދަލު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ބައްސާމް ވިދާޅުވީ ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސް އަކީ ޑިވްލަޕްމެންޓަށް މަސައްކަތް ކުރުމުގެ ގޭމްސްއަށް ހަދަން އެމްއޯސީން ވާހަކަ ދެއްކުމުން ހިތާމަ ކުރައްވާ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން ލާޒިމު ނޫންކަމަށް ވިދާޅުވި، ބައްސާމް ރޭ ވިދާޅުވީ މުބާރާތްތަކުގައި ދެން ރާއްޖޭގެ ޓީމުތައް ވާދަ ކުރަނީ މުބާރާތްތަކުން ވަނަ ހޯދުމަށް ކަމަށެވެ. އުމުރުފުރާތަކުގެ ޓީމުތަކާއި އެންހެން އަދި ފިރިހެން ޓީމު ދިޔަޔަސް މިހާރުގެ ވިސްނުމަކީ މުބާރާތް ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް ވަނަ ހޯދުން ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ހިތާމަ ކުރަން އޮލިމިޕިކް ކޮމިޓީގައި އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި މަޝްވަރާތެރޭގައި ވާހަކަ ދެކެވިގެން ދިޔައީ ސާފް ގޭމްސް ބޭނުން ކުރާށޭ ޑިވަލަޕްމެންޓް އެއްޗަކަށް،" ބައްސާމް ވިދާޅުވި އެވެ. "އަޅުގަނޑުމެން [އެފްއޭއެމުން] ބޭނުމެއް ނެތް މި މުބާރާތް ޑިވްލަޕްމެންޓް މުބާރާތަކަށް ހަދާކަން، އަޅުގަނޑުމެން ބޭނުންވީ މި މުބާރާތް ކާމިޔާބު ހޯދާ އެއްޗަކަށް ވާން."

އޭނާ ވިދާޅުވީ ފިރިހެން ޓީމުން ތައްޔާރު ވަމުން ދަނީ ސައުތު އޭޝިއަން ގޭމްސް ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި އަންހެން ޓީމުގެ ޓާގެތަކީވެސް މުބާރާތުން ރަން މެޑަލް ހޯދުމަށް ވަރުގަދައަށް ތައްޔާރު ވުން ކަމަށެވެ. އެގޮތުން ގޭމްސްއަށް ތައްޔާރު ވުމަށް އަންހެން ޓީމުން އަރަބި އެމިރޭޓްސްގައި އަންނަ މަހު ޓްރޭނިންއަށް ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ ހާއްސަ ކޮށްފައި ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމަށެވެ. ސާފް ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ މުބާރާތުން ބްރޯންޒް މެޑަލް ހޯދި ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި އެހެން ރަސްމިއްޔާތެއްގައި ބައްސާމް ވިދާޅުވީ ސީނިއާ ގައުމީ ޓީމުގެ ސްކޮޑުގައިވެސް 23 އަހަރުން ދަށުގެ 14 ކުޅުންތެރިން ހިމެނޭ ކަމަށެވެ. އެއީ ރާއްޖޭގެ ތާރީހްގައިވެސް ސީނިއާ ގައުމީ ޓީމުގައި އެހާގިނައިން ޒުވާން ކުޅުންތެރިން ހިމެނުނު އެހެން ދުވަސްވަރެއް ނެތް ކަމަށެވެ.

ހަމަ އެރޭގެ ރަސްމިއްޔާތުގައި ބައްސާމް ވިދާޅުވީ، ކޯޗުންގެ ވިސްނުން ތަފާތު ވެއްޖެ ކަމަށެވެ. މީގެ ކުރިން މުބާރާތްތަކަށް ދާއިރު ކޯޗުންގެ އަމާޒަކީ ރާއްޖޭގެ ޓީމުގެ ކޮޅަށް ވަން ލަނޑު މަދު ކުރުން ކަމަށެވެ. އެހެންނަމަވެސް މިހާރު ޓީމުތަކުގެ ކޯޗުން ދައްކަނީ މުބާރާތް ކާމިޔާބު ކުރާ ވާހަކަ ކަމަށެވެ. ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅައިގައި ރާއްޖެއަށް މިހާތަނަށް ރަން މެޑަލް ލިބިފަ އެއް ނުވެ އެވެ.

ރޭގެ ރަސްމިއްޔާތުގައި ބައްސާމް ވިދާޅުވީ އަންހެން ފުޓްބޯޅަ ލީގެއް އަންނަ މަހު އައްޑޫގައި ފެށިގެންދާނެ ކަމަށެވެ. އަދި ފެބްރުއަރީ މަހު މާލޭގައި އަންހެން އެއިޓް ސައިޑް ފުޓްބޯޅަ މުބާރާތެއް ބާއްވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.