ހަބަރު

ހިޔާނާތުގެ ތުހުމަަތުވާ ވަޒީރުން އިސްތިއުފާ ދޭންޖެހޭ: އާޒިމް

ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތުވާ ވަޒީރުން މަގާމުން ދުރަށް ޖެހިވަޑައިގަތުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެންމެހާ މީހުންގެ ނަންތައް ހާމަ ކުރުމަށް ގޮވާލާ ގަރާރަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ހިޔާނާތުގެ ބައިވެރިންގެ ނަންތައް ސިއްރު ކުރުމަށް ކޮމިޓީ އިން ނިންމާފައިވާ ނަމަ އެންމެ ރަނގަޅު ގޮތަކީ އެކަން ހާމަ ނުކުރުން ކަމަށާއި އެ ނޫން ނަމަ ވުޒާރާތަކުންނާއި މުއައްސަސާތަކުން ކޮމިޓީތަކަށް ކުރާ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

އެހެން ނަމަވެސް އިންތިގާލީ އަދާލަތުގެ ބިލެއް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށާއި އެ މަސައްކަތުގެ ތެރޭގައި ނުހައްގު މުއްސަނދިކަމާއި އެ ނޫންވެސް ގޮތްގޮތުން އެކިއެކި ފައިސާ ނަގާފައި ތިބި މީހުން ހޯދާ ހައްގު އަދަބު ދޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ހިޔާނާތުގެ ބައިވެރިން ހޯދާއިރު ވަކި މީހަކަށް ނުވަތަ އެ މީހަކު ހުރި މަގާމަކަށް ބެލުމެއް ނޯންނާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. ފަނޑިޔާރެއް، މަޖިލިސް މެންބަރެއް ނުވަތަ ވަޒީރަކަށް ފިޔަވަޅު އަޅާނެ ކަމަށާއި އެފަދަ ތުހުމަތުތައް ހުރި ވަޒީރުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ފަނޑިޔާރުންނާއި ވަޒީރުން އަދި މަޖިލިސް މެންބަރުންގެ ވަކި ކަހަލަ ހަމަތަކެއް ހުންނަން ޖެހޭނެ. އަދި އެ މީހަކާ ދޭތެރޭ ޝައްކެއް ނުވަތަ އެ ވާހަކަ ދައްކަން ފަށާ ހިސާބުން އަޅުގަނޑު ގަބޫލު ކުރަނީ ހަގީގަތުގައި އިސްތިއުފާ ދީފަ ދާން ޖެހޭނެ ކަމަށް. އަޅުގަނޑުމެންގެ ތެރޭގައި ތިބި ވަޒީރުން ވެސް އަޅުގަނޑު ގަބޫލު ކުރަނީ މި ވާހަކާގައި ވާނަމަ މިކަމުގައި އުޅޭނަމަ އެބަ ޖެހޭ ދުރަށް ޖެހިވަޑައިގަންނަވަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް މިހެން ވިދާޅުވި އިރު، އެމްއެމްޕީއާރްސީގެ މައްސަލާގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ތިން ވަޒީރަކު ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގައި ފަށާފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ ވިދާޅުވެފަ އެވެ. ތޯރިގު ވިދާޅުވީ އެ ވަޒީރުންނަކީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކަމަށެވެ.

ތޯރިގު އެ ވާހަކަތައް ދައްކަން ފެށުމާއެކު އެމްޑީޕީގެ މެންބަރު އެކަމެއް ދޮގެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި ތޯރިގުގެ ވާހަކައަށް ހުރަސް އެޅި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ ވާހަކައެއް ނުދެއްކޭނެ ކަމަށް ބުނެ ތޯރިގު ހުއްޓުވައިފަ އެވެ.

އެމްއެމްޕީއާރްސީއާއެކު މުއާމަލަތް ކުރި މީހުންގެ ލިސްޓުގެ ތެރޭގައި މީގެ ކުރިން ވެސް މަހުލޫފްގެ ނަން ފެންމަތިވި އެވެ. އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުލޫފް ގޭގައި މަޑު ކުރަން އަންގައިފަ އެވެ. އެއަށް ފަހު އެންޓި ކޮރޮޕްޝަން ކޮމިޝަނުން އެ މައްސަލަ ބެލުމަށް ފަހު މަހުލޫފްގެ ނަން ސާފު ކަމަށް ބުނުމުން އަލުން އޭނާ ވަޒީފާއަށް ނިކުތެވެ.

އަލުން އެ މައްސަލަ ފެންމަތިވީ މާލިއްޔަތު ކޮމިޓީއަށް ޕީޖީ އައިޝަތު ބިޝާމް ވަޑައިގެން ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ ބައެއް މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ފަނޑިޔާރުން ވެސް ހިޔާނާތުގައި ބައިވެރިވާ ކަމަށް ވިދާޅުވުމުންނެވެ. އެއާއެކު ކޮމިޓީ ވަގުތުން ސިއްރު ކުރި އެވެ.