ހަބަރު

ހައިކޯޓަށް 12 ބޭފުޅަކު: ދަށު ކޯޓު ގާޒީންނާއި ޕީޖީ ވަކީލުން

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލި ފުރުސަތުގައި 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ޖޭއެސްސީއިން ހުޅުވާލާފައިވަނީ ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމަށެވެ. އެއީ ހައިކޯޓުގެ ބެންޗު 11 އަށް އިތުރު ކުރުމަށް ކުރިން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު އުފެދިފައިވާ ދެ މަގާމަށެވެ. ޖޭއެސްސީއިން ހުޅުވާލި ފުރުސަތު މިދިޔަ ހޯމަ ދުވަހަށް ވަނީ ހަމަވެފަ އެވެ.

ޖޭއެސްސީއިން މިއަދު ހާމަކުރި ގޮތުގައި ހައިކޯޓު ފަނޑިޔާރު ކަމަށް މުއްދަތު ހަމަވީއިރު 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. ނަމަވެސް ޖޭއެސްސީއިން އެއީ ކޮން ބޭފުޅުންނެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ނަމަވެސް އަވަސްއަށް ވަނީ ހައިކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން ޔަގީން ކުރެވިފަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ގިނައީ ދަށު ކޯޓުތަކުގެ ގާޒީންނެވެ.

އެގޮތުން ކުރިމިނަލް ކޯޓުގެ ދެ ގާޒީން ކަމަށްވާ އަހުމަދު ޝަކީލާއި އަލީ ރަޝީދު ވަނީ ކުރިމަތިލައްވާފަ އެވެ. ސިވިލް ކޯޓުގެ ގާޒީންގެ ތެރެއިން ހާފިޒާ އަބްދުލްސައްތާރާއި މަރިޔަމް ވަހީދާއި ހުސެއިން މަޒީދު އަދި ހާތިފް ހިލްމީ ވެސް ކުރިމަތިލައްވާފައިވެ އެވެ.

ކުރިމަތިލެއްވި ބޭފުޅުން

  • ކުރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލް
  • ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު
  • ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު
  • ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ
  • ސިވިލް ކޯޓުގެ ގާޒީ ހުސެއިން މަޒީދު
  • ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުލްސައްތާރު
  • ފެމެލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދު
  • ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ
  • އެސިސްޓެންޓް ޕީޖީ ޖިހާދާ އަނީސް
  • މެޖިސްޓްރޭޓް އުއްމުކުލްސޫމް
  • މެޖިސްޓްރޭޓް ފާތިމަތު ފަރްހީޒު
  • ފައްޔާޒު ސާތިރު

ދެން މަގާމަށް ކުރިމަތިލައްވާފައިވަނީ ފެމެލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދާއި ދެ މެޖިސްޓްރޭޓުން ކަމަށްވާ އުއްމުކުލްސޫމް އާއި ފާތިމަތު ފަރްހީޒު އަދި ކުރިން އެމްއެމްއޭގައި މަސައްކަތް ކުރައްވާފައިވާ ފައްޔާޒު ސާތިރެވެ. އޭގެއިތުރުން މިހާރުގެ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް ޖިހާދާ އަނީސް އަދި އެ އޮފީހުގައި ކުރިން އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވި އައިޝަތު ފަޒުނާ އަހުމަދު ވެސް ވަނީ ހައިކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފަ އެވެ.

މި ބޭފުޅުންގެ ތެރެއިން ހައިކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީއިން އިންޓަވިއު ކުރުމަށްފަހު އެވެ. ހައިކޯޓުގައި މިހާރު ތިއްބަވަނީ ނުވަ ފަނޑިޔާރުންނެވެ. އެއީ ހުސް ފިރިހެން ބޭފުޅުންނެވެ. އަލަށް ހުޅުވާލި ދެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަށް ބަލާއިރު އަންހެން ބޭފުޅުން ގިނަކަން ފާހަގަކޮށްލެވެ އެވެ.

ހައިކޯޓްގެ ފަނޑިޔާރަކަށް މުސާރައިގެ ގޮތުގައި 36،000 ރުފިޔާ ލިބޭނެއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ރިސްކު އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާ ފޯން އެލަވަންސް ލިބޭނެ އެވެ. އަދި މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހެލްތް އިންޝުއަރެންސް ލިބެ އެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު ނުވައަކުން 11 އަށް ބަދަލު ކުރަން ނިންމީ ހައިކޯޓުގެ ދެ ގޮފި ހެދުމަށްފަހު އެ ގޮފިތަކަށް ފަނޑިޔާރުން ބަދަލު ކުރުމުން މާލޭގެ ހައިކޯޓުގެ މައްސަލަތައް ނުބެލި ލަސްވަމުންދާތީ އެވެ. ނަމަވެސް ފަނޑިޔާރުންގެ އަދަދު ގާނޫނަށް ބަދަލު ގެނެސް އިތުރުކުރި ފަހުން ސުޕްރީމް ކޯޓުން ވަނީ ގޮފިތަކުގައި ދާއިމީ ގޮތެއްގައި ފަނޑިޔާރުން ނުތިއްބަވާ ގޮތަށް ކަނޑައަޅައި ދެކުނު ގޮފީގައި ތިއްބެވި ފަނޑިޔާރުން މާލެ ގެނެސްފަ އެވެ. މިހާރު ގޮފިތަކުގައި މައްސަލަތައް ބަލަނީ ޝަރުއީ ވަފުތައް ޒިޔާރަތް ކުރައްވައިގެންނެވެ.