ވިޔަފާރި

ޓޫރިޒަމް އިސްތިހާރު ކުރަން އޮސްޓްރޭލިއާގެ ނޫސްވެރިންތަކެއް ރާއްޖޭގައި

Oct 24, 2019
3

ރާއްޖޭގެ ޓޫރިޒަމް އަމިއްލައަށް ތަޖުރިބާކޮށް އިޝްތިހާރު ކުރަން އޮސްޓްރޭލިއާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް އައިސްފައިވާ ކަމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީން ބުނީ އެ ޓީމު ރާއްޖެ އައިސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށާއި، އެ ޓީމު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބޭނެ ކަމަށެވެ.

ދަތުރުގައި އެ ޓީމުން ސީކްރެޓް ޕެރެޑައިސް، ޔޮޓް މޯލްޑިސްގެ އިތުރުން އެމެރެލްޑް އައިލެންޑް ރިސޯޓުގައި ތިބެން ހަމަޖައްސާފައި ވާއިރު، ރާއްޖޭގައި ގެސްޓް ހައުސް، ސަފާރީ އަދި ރިސޯޓު ހިދުމަތުގެ ތަޖުރިބާތައް ކުރާނެ އެވެ.

އެ ޓީމުގައި އެސްކޭޕް، ވެސްޓް އޮސްޓްރޭލިއަން، މޭރީ ކްލެއާ، ޓްރެވެލާ، އަދި ހޫ މެގެޒީންގެ ނޫސްވެރިން ހިމެނޭއިރު، އެ މީހުން ރާއްޖޭގައި ކުރާ ތަޖުރިބާތައް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ޝާއިއުކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ.

އޮސްޓްރޭލިއާ އިން މި އަހަރުގެ އޯގަސްޓް މަހާ ހަމައަށް އޮސްޓްރޭލިއާގެ 26،496 ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 10.7 ޕަސަންޓްގެ އިތުރުވުމެކެވެ.

އެމްއެމްޕީއާރްސީ އިން މެދުވެރިކޮށް ރާއްޖެ ބައިވެރިވާ ފެއާތަކާއި ބޭރުގެ އިވެންޓްތަކުގައި ކުރިން ދިވެހި ނޫސްވެރިން ބައިވެރި ކުރެ އެވެ. ނަމަވެސް، މި އަހަރުން ފެށިގެން އެމްއެމްޕީއާރްސީއިން މިހާރު އެ ފުރުސަތެއް ނުދެ އެވެ. އޭގެ ބަދަލުގައި ރާއްޖެ އިން ބޭރުގެ ނަން މަޝްހޫރު ނޫން ލިޔުންތެރިން ރާއްޖެ ގެންނަން ހަރަދު ކުރެ އެވެ.