ހަބަރު

މަގާމުން ވަކި ކުރަން ހުށަހެޅުމުން ރާގިބު އިސްތިއުފާ ދެއްވައިފި

Oct 24, 2019
4

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމުމާ ގުޅިގެން އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެ ކޮމިޝަނުން ރާގިބު ވަކި ކުރަން ނިންމާފައިވަނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ 73 ވަނަ ބައްދަލްވުމުގަ އެވެ.

އިސްތިއުފާ ދެއްވުމަށް ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފަށް ރާގިބު ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާގެ މައްސަލަ ޖޭއެސްސީން ބެލީ ޒާތީ ތައައްސަބުން ފުރިގެން ތިބެ، އޭނާގެ ދިފާއުގައި ތަފްސީލީ ޖަވާބެއް ދިނުމުގެ ފުރުސަތެއްވެސް ނުދީ ކަމަށެވެ.

"އެއީ ސައްހަ ހެއްކެއް ނޫންކަން ސާބިތުކޮށްދީ އަޅުގަނޑު ހުށަހެޅި 16 ސޮފްހާގެ ބަޔާނަށް ބަލާލުމެއް ނެތި ޒާތީ ތައައްސަބުން ފުރިގެން ތިއްބަވައި އަޅުގަނޑު ވަޒީފާއިން ވަކިކުރުމަށް ނިންމެވި..،" މައްސަލަ ސާބިތުވާ ކަމަށް ނިންމި ހެކިތަކަކީ ޒާތީ ހެކިތަކެއް ކަމަށް ތުހުމަތުކުރައްވަމުން ރާގިބުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރާގިބުގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ، ޖޭއެސްސީގައި މިހާރު ތިއްބެވި މެމްބަރުންނަކީ ސިޔާސީ ޕާޓީއެއްގެ ލޯގޯ އާއި ކުލަ ވިއްކައިގެން އެ މަގާމަށް އައިސް ތިބި ބައެއް ކަމަށާއި، ފަނޑިޔާރުން މަގާމުން ވަކިކުރާ މަޖިލީހަކީ ވަކި ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީއޮތް ތަނަކަށްވާތީ އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޖޭއެސްސީން ބުނެފައިވަނީ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބް އަހުމަދާ ބެހޭގޮތުން ޖޭއެސްސީން ތަހުގީގު ކުރެވުނު މައްސަލާގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު އެ މައްސަލާގައި ކޮމިޝަނުން ގޮތެއް ނިންމުމަށް މިއަދު ހުށައެޅުމުން ތަހުގީގު ރިޕޯޓްގައިވާ ފަދައިން ފަނޑިޔާރު ރާގިބު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން މި ނިންމުން ނިންމާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު، އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީގެ ތަހުގީގު ކޮމެޓީން އެ ކޮމިޝަނަށް ލަފާދީފައި ވަނިކޮށެވެ.

ރާގިބު މަގާމުން ވަކިކުރަން މަޖިލީހަށް ހުށައަޅަން ނިންމާފައި މިވަނީ ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ތައްޔާރުކުރި ރިޕޯޓަށް ޖަވާބުދާރީވުމަށް ރާގިބަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެވެ.

އިސް މެޖިސްޓްރޭޓް ރާގިބުގެ މަގާމުން ވަކި މަޖިލީހަށް ހުށައަޅަން ނިންމި އިރު ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއީ
ޖޭއެސްސީއިން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ވަކި ކުރި ފުރަތަމަ ފަނޑިޔާރެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީވެސް މަގާމުން ވަނީ ވަކިކޮށްފައެވެ.

މިފަހުން ޖޭއެސްސީއައި ބޮޑު ބަދަލާއެކު ގިނަ ފަނޑިޔާރުންތަކެއްފެ މައްސަލަތައް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.