ދުނިޔެ

ރަސޫލާގެ އީދުމީލާދު ފާހަގަކުރުމަކީ ބިދުއައެއް: ސައޫދީގެ އިސް މުފްތީ

ކީރިތި ރަސޫލާގެ އީދުމީލާދު ފާހަގަކުރުމަކީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށާއި އެއީ ރަސޫލާ ސުވަރުވެ ވަޑައިގެންތާ އެތައް ސަތޭކަ އަހަރެއް ފަހުން ދީނުގެ ތެރެއަށް ބަޔަކު ވައްދައިގެން އުޅޭ، ބިދުއައެއް ކަމަށް ސައޫދީ އަރަބިއްޔާގެ އިސް މުފްތީ ޝައިހް އަބްދުލް އަޒީޒް އާލް ޝައިޚް ވިދާޅުވެއްޖެ އެވެ.

"އެއީ ބިދުއައެއް (ދީނުގެ ތެރެއަށް އަލަށް ވައްދައިގެން އުޅޭ ކުފުރުގެ އަަމަލެއް). އެކަން ކުރަން ފަށާފައި ވަނީ ރަސޫލާ ސުވަރުގެ ވަޑައިގެންތާ ތިން ސަތޭކަ އަހަރު ފަހުން،" ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ އިމާމް ތުރްކީ ބިން އަބްދުﷲ މިސްކިތުގައި އިއްޔެ ދެއްވި ހުކުރު ހުތުބާގައި މުފްތީ ވިދާޅުވި އެވެ.

ޝައިޚް ވިދާޅުވީ ރަސޫލާގެ އީދުމީލާދު ފާހަގަކުރުމުގެ ބަދަލުގައި މުސްލިމުންނަށް ލާޒިމުވެގެން ވަނީ ރަސޫލާގެ ސުންނަތް ދިރުވުން ކަމަށެވެ. އަދި ވިދާޅުވީ ރަސޫލާގެ އީދުމީލާދު ފާހަގަކުރުމަށް ބުނާ މީހުންނަނީ ފަސާދަ ވެފައިވާ ބައެއް ކަމަށެވެ.

"ﷲގެ ރަސޫލާ އަށް އޮތް ލޯބި ހާމަކުރުން އޮތީ އެކަލޭގެފާނުގެ ސުންނަތް ދިރުވައި އެ މަގުން ހިނގައިގެން ... ރަސޫލާ އަށް އޮތް ލޯބި ހާމަކުރުން އޮތީ އެގޮތަށް،" ރަބީއުލް އައްވަލް މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ރަސޫލާގެ އީދުމީލާދާ ބެހޭ ގޮތުން ޝައިޚް ވިދާޅުވި އެވެ.

"ކީރިތި ރަސޫލާ ވަނީ މާތްﷲ ދެކެ ލޯބިވާ ނަމަ އެކަލޭގެފާނު ދެކެ ލޯބިވާން ޖެހޭނެ ކަމަށް ﷲ ވަހީކުރެއްވި ކަމަށް ހަދީސްކުރައްވާފައި."

ޝައިޚް ވިދާޅުވީ މާތްﷲ މުހައްމަދުގެފާނު ދުނިޔެ އަށް ފޮނުއްވީ މުޅި އުންމަތަށް ހިދާޔަތެއްގެ ގޮތުގައި ކަމަށް މުސްލިމުން ޝައްކެއް ނެތި ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

ރަސޫލާ ދުނިޔެ އަށް ފޮނުއްވުނު ކަމާ މެދު، ދީން ގަބޫލު ނުކުރާ މީހުން ސުވާލު އުފައްދާއިރު، އަނެއް ބަޔަކު ރަސޫލާ އަށް ފުރައްސާރަކުރަމުން ދާއިރު އަދި އަނެއް ބަޔަކު ރަސޫލާގެ ސުންނަތް ނުރަނގަޅު ގޮތުގައި މާނަކުރަމުން ދާއިރު ރަސޫލާ ދެކެ ލޯބިވުމަކީ މުސްލިމުން އެކަންކަމާ ދެކޮޅަށް ތެދުވުން ކަމަށް ޝައިޚް ވިދާޅުވި އެވެ. –އަރަބް ނިއުސް