ކުޅިވަރު

ހެލްތުން އެނގުމުން އެފްއޭއެމްގެ މެޑިކަލް ބަންދުކޮށްފި

ހެލްތު މިނިސްޓްރީން އަންގުމުން އެފްއޭއެމްގެ މެޑިކަލް ޔުނިޓުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދެމެދު އައި ސިއްހީ ހިދުމަތް މެދުކަނޑާލައިފި އެވެ.

އެ ހިދުމަތް މެދުކަނޑާލާފައިވާތަން މިހާރު ތިން މަސް ވެއްޖެ އެވެ. އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަދި ގައުމީ ޓީމުގެ ފިޒީޝަން އަހްމަދު ޝަކީބު (ޑޮކް) ވިދާޅުވީ، ހެލްތު މިނިސްޓްރީން އަންގާފައި ވަނީ ސިއްހީ ހިދުމަތް ދޭ ތަންތަން ރަޖިސްޓްރީ ކޮށްގެން ނޫނީ ނުހިންގުމަށެވެ. އޭނާ ވިދާޅުވީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކުރިމަތިވާ އަނިޔާތަކާ ގުޅިގެން އެ ކުޅުންތެރިންނަށް ހިލޭ ފަރުވާ ދޭތާ މިހާރު 23 އަހަރު ވެފައިވާ ކަމަށާއި، ހެލްތު މިނިސްޓްރީގެ އުސޫލަށް ފެއްތުމުގެ ގޮތުން އެ ހިދުމްތްތައްވެސް މެދުކަނޑާލާފައިވާ ކަމަށެވެ.

"މިއީ އެފްއޭއެމްގެ އިންޓަ ޑިޕާޓްމެންޓެއް ގޮތަށް ހިންގާތަނެއް، ފީފާގެ ގަވާއިދުގެ ދަށުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ފަރުވާ ދިނުމަށް، ހެލްތު މިނިސްޓްރީން މިތަނަށްވެސް އެގޮތަށް އެންގީމަ އަޅުގަނޑު އަމިއްލައަށް ވެސް ހެލްތަށް ގުޅައި އެކަން ސާފް ކުރިން،" ސްޕޯޓްސް ފިޒީޝަނެއްގެ ގޮތުގައި މީގެ 25 އަހަރުން ކުރިން ފެށިގެން މަސައްކަތް ކުރަމުން އަންނަ ޝަކީބު ވިދާޅުވި އެވެ. "ހެލްތު މިނިސްޓްރީން އަނގާފައި މިވަނީ ރަޖިސްޓްރީ ނުކޮށް ހިދުމަތް ކުރިއަށް ނުގެންދިއުމަށް، އެހެންވެ ރަޖިސްޓްރީ ކުރަން ހިދުމްތް މެދުކަނޑާލީ."

ޝަކީބު ވިދާޅުވީ ރަޖިސްޓްރޭޝަން މަރުހަލާގައި އިތުރު މައްސަލައެއްވެސް ދިމާވެފައިވުމުން އެކަން ލަސްވެގެން ދާ ކަމަށެވެ. އިކޮނަމިކް މިނިސްޓްރީއަށް ރަޖިސްޓްރީ ކުރަން ހުށަހެޅުމުން އެސޯސިއޭޝަނަކަށް ނުވަތަ ޖަމްއިއްޔާއެއްގެ ދަށުން ވިޔަފާރި ނުކުރެވޭނެ ކަމަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފްއޭއެމްގެ އާ އިމާރާތުގައި ސްޕޯޓްސް މެޑިސިން ސެންޓަރެއް ހިންގުމަށް ހަމަޖެހިފައި ވުމުން އެފްއޭއެމްގެ ވިސްނުން ހުރީ މެޑިކަލް ސެންޓަރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން އަގު ނަގާ އުސޫލުން ހިދުމަތް ދިނުން ކަމަށެވެ.

"އަގަނޑުމެންގެ އާ އިމާރާތުގައި ހިމެނޭނެ، ސްޕޯޓްސް މެޑިސިން ސެންޓަރެއް ގާތްގަނޑަށް 2000 އަކަފޫޓް އެކަމަށް ހާއްސަ ކޮށްފައިވާނެ، އެހެންވެ މެޑިކަލް ސެންޓަރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން އަޅުގަނޑުމެން ވިސްނުން ހުރީ،" ޝަކީބު ވިދާޅުވި އެވެ. "އެހެން ކުޅިވަރުތަކަށްވެސް އެތަނުން ހިދުމްތް ދޭނެ، އެގޮތުގައި ހިންގަން އަގު ނަގައިގެން އެތަން ރަޖިސްޓްރީ ކުރުމުގެ ޕްރޮސޮސްގައި އިކޮނަމިކް މިނިސްޓްރީން އެގޮތަށް އެނގާފައި ވަނީ، އެފްއޭއެމްގެ ނަމުގައި ވިޔާފަރި ނުކުރެވޭނެ ކަމަށް."

އޭނާ ވިދާޅުވީ، ކުޅުންތެރިންނަށް ދެމުން ގެންދިޔަ އެ ހިދުމަތް މިހާރު މެދުކަނޑާލާފައި ވުމުން އަދި ކުޅުންތެރިންގެ ފަރުވާގެ ކަންކަން އެހެން ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރެއްގެ ލަފާގެ މަތިން ކުރިއަށް ގެންދިއުމަށް ކުޅުންތެރިންނަށް އިރުޝާދު ދޭ ކަމަށެވެ.

"ޚުލުންތެރިންނަށް އަނިޔާ ވާގޮތުން އަޅުގަނޑު މިހާރު ރެފާ ކުރަނީ ތި މައްސަލައިގަ ނަމަ، މވެނި ޑޮކްޓަރަކަށް ދައްކައި ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް."