ވިޔަފާރި

އެސްޓީއޯ އިން ފިނި ކުރި ބާވަތްތައް އެތެރެ ކުރުން ހުއްޓާލަނީ

އެސްޓީއޯ އިން މިހާރު އެތެރެކޮށްގެން ވިއްކާ ފިނި ކުރި ބާވަތްތައް އެތެރެ ކުރުންހުއްޓާލައި، އެ މަސައްކަތް އަމިއްލަ ވިޔަފާރި ތަކަށް ދޫކޮށްލަން ނިންމައިފި އެވެ.

އެސްޓީއޯ އިން ފިނި ކުރި ބާވަތްތައް އެތެރެ ކުރުން ހުއްޓާލުމުގެ ގޮތުން، ވަނީ އެ ކުންފުނިން ގާއިމް ކޮށްފައިވާ ފްރީޒަރުތަކަށް މުދާ ފޯރުކޮށްދީ، ބަހައްޓައި ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން މިއަދު އިއުލާނުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އާއްމުން ކުރާ ރީޓެއިލް ވިޔަފާރި ހުއްޓާލުމަކީ އެ ކުންފުނީގެ އާ މެނޭޖުމަންޓުގެ އަމާޒެކެވެ. މި ބަދަލު ގެނައުމުގެ ގޮތުން، އެ ކުންފުނިން މިހާރު ވަނީ ތަޖުރިކާރީގެ ބާވަތްތައް އެތެރެ ކުރުން ވެސް ހުއްޓާލާފަ އެވެ.

އެސްޓީއޯ އިން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ މާލެ އާއި ހުޅުމާލޭގެ ސުޕަމާކެޓް ފިހާރައިގެ ފްރީޒަރު ތަކަށް މުދާ ފޯރުކޮށްދީ ބަލައްޓައި ދޭން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އަދި ބީލަން ކަރުދާސް ހުޅުވާލުން އޮތީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއަކީ ރާއްޖެ އަށް ބޭނުންވާ ބޭހާއި ތެޔޮ އެތެރެކުރާ ކުންފުންޏެވެ. ނަމަވެސް އެ ކުންފުނިން ދަނީ ރާއްޖޭގެ ބާޒާރުގެ އަގު ހިފައްޓަން މުހިންމު ދައުރެއް އަދާކުރަމުންނެވެ.