ޖޫން 3، 2016 ގެ ރޭ ދެ ގޭންގެއް ދެމެދު ހިނގި މާރާމާރީގައި މ. ސަރުމާގޭ ފާތިރު މުހައްމަދު ނަމަކަށް ކިޔާ ކުޑަ ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާން ކޮށްފައިވާ އިރުފާން ރުޝްދީ ތިން އަަހަރު ވީއިރު ވެސް މުއައްސަސާތަކަށް ހޯދިފައި ނުވާ ކަމަށް ބުނެ މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކަންބޮޑު ވެއްޖެ އެވެ.
މަރުގެ މައްސަލަތައް ބަލާ ކޮމިޝަން އިން އިއްޔެ ވަނީ އެ ކޮމިޝަން އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މ. ކުރިރުއްގެ އިރުފާން ރުޝްދީ ހޯދަން އިއުލާންކޮށްފަ އެވެ. ނަމަވެސް އޭނާ ހޯދަން އިއުލާން ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމަށް އެ ކޮމިޝަން އިން ނުބުނެ އެވެ.
ނަމަވެސް އެ ކޮމިޝަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ތިން އަހަރު ވީއިރު ދައުލަތުގެ މުއައްސަސާތަކަށް އިރުފާން ހޯދިފައި ނުވާ ކަމަށެވެ. އޭނާ 2015 ވަނަ އަހަރު ރާއްޖެއިން ބޭރަށް ދިޔަ ކަމަށް އިމިގްރޭޝަން އިން ބުނާ ކަމަށާއި ނަމަވެސް 2016 ވަނަ އަހަރު މީހަކު މަރާލި ތަނުގައި އޭނާ ހުރިތަން ސީސީޓީވީއަށް ފެންނަ ކަމަށް އެ ކޮމިޝަން އިން ބުންޏެވެ.
އެހެންކަމުން އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މަރު ކޮމިޝަން އިން ބުންޏެވެ.