ފަރެސް މާތޮޑާ

ޖުޒާމް ބަލި ފެތުރޭ ކަމަށް އިއުލާން ކުރުމަށް ފަހު ދޮގުކޮށްފި

Oct 25, 2019

ގދ. ފަރެސްމާތޮޑާގައި ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ފެތުރެމުންދާ ކަމަށް ބުނެ ސިއްހީ މަރުކަޒުން ނެރުނު އިއުލާން ހަގީގަތާ ހިލާފު ވާހަކަ ހުރި ކަމަށް ހަމަ އެ މަރުކަޒުން ބުނެ އިއުލާން ދޮފުކޮށްފި އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ސިއްހީ މަރުކަޒުން ނެރުނު އިއުލާނުގައިވާ ބުނެފައި ވަނީ 1960 ގެ އަހަރުތަކުގައި ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ޖުޒާމް ބަލި އެ ރަށުގައި ފެތުރެމުންދާ ކަމަށާއި އެ ބައްޔަށް އެ ރަށު މީހަކު ފަރުވާ ހޯދަމުންދާ ކަމަށެވެ. އެ ބައްޔަށް ސްކީން ކުރުމުގެ ހަރަކާތްތަކެއް ސިއްހީ މަރުކަޒުގައި ކުރިޔަށް ދާ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައި ވެއެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ސުވާލު ކުރުމުން ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ސޮބާހު ވިދާޅުވީ އެ އިއުލާނުގައި ވަނީ ހަގީގަތް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ. އަދި އެކަމުގެ ހަގީގަތެއް ވަރަށް އަވަހަ ރަސްމީކޮށް ހާމަ ކުރައްވާނެ ކަމަށެވެ. އެ ރަށުގައި ޖުޒާމް ބަލި ޖެހިފައިވާ މީހަކަށް ފަރުވާ ދެމުންދާ ކަމެއް ވެސް ނޫން ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.

އެހެންނަމަވެސް އެ ރަށު ކައުންސިލް މެންބަރު ޔާސިރު މުހައްމަދު ވިދާޅުވީ ރަށުގައި ޖުޒާމް ބަލި ޖެހިގެން ދެތިން މީހަކު އުޅޭ ހަބަރު ލިބިފައިވާ ކަމަށާއި އެ މީހުންނަށް ފަރުވާ ވެސް ދެމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން ނެރުނު އިއުލާނުގައި އިބާރާތް ކުރުމުގެ މައްސަލަތަކެއް ހުރި ކަމަށް ސިއްހީ މަރުކަޒުން ބުނި ކަމަށެވެ.

"ސިއްހީ މަރުކަޒުން ބުނި އިއުލާނުގައި އިބާރާތް ކުރުމުގެ މައްސަލަތައް ހުރި ކަމަށް، އެތަނުން މާ ގިނަ ވާހަަކައެއް ހާމައެއް ނުކުރޭ. އެހެން ނަމަވެސް ސްކްރީ ކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށް އެބަދޭ،" ކައުންސިލަރު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ޖުޒާމް ބައްޔަކީ ބެކްޓީރިއާއިން ޖެހޭ އަދި އެ ބައްޔަށް ކުރީ ކޮޅު ދެނެގަނެވިއްޖެ ނަމަ ކުރެވިއްޖެ ނަމަ ފަރުވާ ކުރެވޭ ބައްޔަކެވެ. ރާއްޖޭގައި ކުރިން އެ ބަލި ވަރަށް އާންމުވި ނަމަވެސް މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލުކޮށްފަ އެވެ. އަދި 2030 ވަނަ އަހަރަށް އެއްކޮށް އެ ބަލި ނައްތާލަން ވެސް ވަނީ އަމާޒު ހިފައިފަ އެވެ.