ގދ. ފަރެސްމާތޮޑާގައި ލެޕްރެސީ ނުވަތަ ޖުޒާމް ބަލި ނުފެތުރޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ފަރެސްމާތޮޑާގައި ޖުޒާމް ބަލި ފެތުރެމުންދާ ކަމަށާއި އެ ރަށު މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެ ރަށު ސިއްހީ މަރުކަޒުން ކުރި އިއުލާނެފައި ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ފަހުން ސިއްހީ މަރުކަޒުން ވަނީ އެކަން ދޮގު ކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ފަރެސްމާތޮޑާގައި ޖުޒާމް ބަލި ނުފެތުރޭ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2030 ވަނަ އަހަރަށް ޖުޒާމް ބަލި ރާއްޖެއިން އެއްކޮށް ނައްތާލުމުގެ ބޭނުމުގައި ބައެއް ރަށްރަށުގައި އެ ބަލި ހުރިތޯ ބަލަން ސްކްރީން ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށާއި އެކަމަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.
އެ ބަލި ރާއްޖޭގައި މަދުން ނަމަވެސް ފެންނަ ކަމަށާއި ނަމަވެސް މިދިޔަ ދެތިން އަހަރުގެ ތެރޭގައި މުޅި ރާއްޖެއިން އެވަރޭޖުކޮށް އެ ބަލި ފެނިފައި ވަނީ 7-3 އަކާ ދެމެދުގެ އަދަދަކަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި މި އަހަރު މިހާތަނަށް އެ ބަލި ޖެހިފައި ވަނީ ތިން މީހަކަށް ކަމަށް ވެސް އެ އެޖަންސީ އިން ބުންޏެވެ.
ޖުޒާމް ބައްޔަކީ ބެކްޓީރިއާއިން ޖެހޭ އަދި އެ ބައްޔަށް ކުރީ ކޮޅު ދެނެގަނެވިއްޖެ ނަމަ ކުރެވިއްޖެ ނަމަ ފަރުވާ ކުރެވޭ ބައްޔަކެވެ. ރާއްޖޭގައި ކުރިން އެ ބަލި ވަރަށް އާންމުވި ނަމަވެސް މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލުކޮށްފަ އެވެ.