މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލާގައި އެ ޖަމިއްޔާ އުވާލަން ގޮވާލާ މާލޭގައި ގިނަ ބަޔަކު މުޒާހަރާކޮށްފި އެވެ.
އެމްޑީއެން އުވާލަން ގޮވާލައި މުޒާހަރާ ކުރަން ފަށާފައި ވަނީ މާލޭގެ ރަސްފަންނު ސަރަހައްދުގަ އެވެ. އެގޮތުން ރަސްފަންނުން ފެށިގެން ސޯޝަލް ސެންޓަރާ ހަމަޔަށް ގިނަ ބަޔަކު ވަނީ އެއްވެފަ އެވެ. އަދި ފުލުހުން ވަނީ ސޯޝަލް ސެންޓަރާ ހަމަޔަށް ބެރިކޭޑު ޖަހާ މުޒާހަރާއަށް ހުރަސް އަޅައިފަ އެވެ.
އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނަ އިރު ފުލުހުން ބުނަމުން އަންނަނީ ބެރިކާޑު ފަހަތުން ރަސްފަންނާވީ ސަރަހައްދުގައި ހުރެގެން ޝުއޫރު ފާޅު ކުރުން ކުރިޔަށް ގެންދިޔުމަށެވެ. މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ކުރިޔަށް ދިޔުމަށް ފުލުހުން ފުރުސަތެއް ނުދެ އެވެ.
މުޒާހަރާގެ ބައިވެރިން ގޮވާލަމުން އަންނަނީ ސީޕީ މުހައްމަދު ހަމީދު މަގާމުގައި ހުރެގެން އެމްޑީއެންގެ ތަހުގީގު އިންސާފުވެރި ނުވާނެ ކަމަށާއި އެ ޖަމިއްޔާ ވަގުތުން ވަގުތަށް އުވާލަން ޖެހޭ ކަމަށެވެ. އަދި ޝަހިންދާ އިސްމާއީލް ހައްޔަރު ކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އެ ޖަމިއްޔާއާ މެދު ފިޔަވަޅު އެޅުން ލަސްވާތީ އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ރިޕޯޓު މައްސަލާގައި ރާއްޖޭގެ އެހެން ގިނަ ރަށްތަކުގައި ވެސް ވަނީ މުޒާހަރާކޮށްފަ އެވެ.