ބިދޭސީން

ބިދޭސީން ރަޖިސްޓަރީވުމުގެ އެއްވުން މިއަދަކު ނެތް

Oct 26, 2019
3

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރީރަޖިސްޓަރީ ކުރުމުގެ މަސައްކަތް މިއަދު ނުބާއްވަން އިކޮނޮމިކް މިނިސްޓްރީ އިން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ނިންމާފައި ވަނީ ބިދޭސީން ރަޖިސްޓާ ކުރުމުގެ މަސައްކަތް ކޮންމެ ހޮނިހިރު ދުވަހު ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދާށެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހުގެ ރެއާއި ހޮނިހިރު ދުވަހު ބިދޭސީން ދަނޑާއި އެ ސަރަހައްދު ފުރާލަ އެވެ.

ނަމަވެސް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ މި ހަފުތާގައި ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިޔަށް ނުދާނެ ކަމަށް ބުނެ ގަލޮޅު ދަނޑަށް ބިދޭސީން ވަންނަ ގޭޓު ކައިރީ އިއުލާނެއް ތަތްކޮށްފަ އެވެ. ބަންގްލަދޭޝް ބަހުން ވެސް ލިޔެފައިވާ އެ އިއުލާނުގައި ބުނެފައި ވަނީ ރީރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ފަށާނެ ތާރީހެއް އެ މިނިސްޓްރީ އިން އަންގާނެ ކަމަށެވެ.

ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވޯކާސް" ގެ ނަމުގައި ޓާސްކްފޯހެއް އުފައްދާފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެ ޓާސްކް ފޯސް އިން އެޅި އެއް ފިޔަވަޅަކީ ބަންގްލަދޭޝް އިން ލޭބަރުން ގެނައުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރެޖިސްޓަރީވާން ވަނީ ފުރުސަތު ދީފަ އެވެ.