މި އަހަރުގެ ފަހު ކްއާޓަރުގައި ޓޫރިޒަމް ދާއިރާ އާއި އިމާރާތް ކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުން ލިބޭނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ސާވޭ އިން ދައްކައިފި އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކޮންމެ ކްއާޓަރެއް ނިމުމާއެކު، އިގްތިސޯދުގެ މައުލޫމާތުތައް އާއްމު ކުރަން ނެރޭ ކްއާޓަލީ ބިޒަންސް ސާވޭގެ ތިންވަނަ ކްއާޓަރުގެ އަދަދުގައިވާ ގޮތުން އިމާރާތް ކުރުމުގެ ދާއިރާ އާއި ޓޫރިޒަމް ސެކްޓާ އަދި ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރި ކުރާ 174 ކުންފުންޏަކަށް ސުވާލު ކަރުދާސް ފޮނުވި އެވެ. އޭގެ ތެރެއިން 99 ޕަސެންޓް ކުންފުނިން ވަނީ ސާވޭގައި ބައިވެރިވެފަ އެވެ.
އެ ސާވޭ ކުރިއަށް ގެންގޮސްފައިވަނީ 25 ސެޕްޓެމްބަރުން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ސާވޭގައި ބައިވެރި ފަރާތްތަކުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ތިންވަނަ އަށް އެންމެ ބޮޑު ސިނާއަތް ކަމަށްވާ އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތްތައް ލިބުނު އަދަދު ވަނީ މި މުއްދަތުގައި ވަނީ ކުޑަކޮށް އިތުރުވެފަ އެވެ. އަދި އަހަރަކު ހަތަރު ވަނަ ކްއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާގެ ހަރަކާތްތައް 17 ޕަސެންޓް އިތުރު ވާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
އިމާރާތް ކުރުމުގެ ދާއިރާ ކުރި އަށް އޮތް ތަނުގައި ރަނގަޅުވާނެ ކަމަށް ލަފާ ކުރި ނަމަވެސް، އެ ދާއިރާގައި ހުރި ދަތިތައް ހުރީ އެގޮތުގައި ކަމަށް ދިރާސާގައި ބައިވެރިވި ގިނަ ފަރާތްތަކުން ބުނެފައި ވެއެވެ.
އިމާރާތް ކުރުމުގެ ދާއިރާއަށް ފައިސާ ހޯދުމާއި ކޮންސްޓްރަކްޝަން މެޓީރިއަލްގެ އަގު ބޮޑުވުން އަދި މި ދާއިރާއަށް ބޭނުންވާ ވަރަށް ފަންނީ މީހުން ނުލިބުމާއި މަޝްރޫއުތައް ނިންމުމަށްފަހު ލިބެން ޖެހޭ ފައިސާ ލަސްވުން ފަދަ ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފައިވެ އެވެ.
ތިންވަނަ ކްއާޓަރުގައި ޓޫރިޒަމް އާމްދަނީ ދަށް
އެމްއެމްއޭގެ ސާވޭގައިވާ ގޮތުން ތިން ވަނަ ކްއާޓަރު ދިމާވަނީ ޓޫރިޒަމްގެ "އޯފް ސީޒަން" ކަމަށްވާތީ ޓޫރިޒަމްގެ އާމްދަނީ ވަނީ 67 ޕަސެންޓް ދަށްވެފަ އެވެ. އަދި މިއާއެކު ރިސޯޓުތަކުގެ ބުކިން 35 ޕަސެންޓް ދަށްވެ، އެވަރޭޖު ރޫމް ރޭޓު ވެސް ވަނީ ދަށްވެފަ އެވެ. ނަމަވެސް ކުރިއަށް އޮތީ ޓޫރިޒަމްގެ މައި ސީޒަން ކަމަށްވާތީ ޓޫރިޒަމް ސެކްޓާގެ އާމްދަނީ 94 ޕަސެންޓް އިތުރުވެ، ރިސޯޓުތަކުގެ ބުކިން 63 ޕަސެންޓް އިތުރުވާނެ ކަމަށް ބުނެފައިވެ އެވެ.
ކުރިއަށް އޮތް ތަނުގައި މި ދާއިރާގެ ވިޔަފާރި ކުރިއެރުވުމުގައި ހުރި ދަތިތަކުގެ ތެރޭގައި ސާވޭގައި ބައިވެރި ގިނަ ފަރާތްތަކުން ފާހަގަ ކޮށްފައިވަނީ މި ދާއިރާގައި އޮތް ވާދަވެރި ކަމެވެ. މީގެ އިތުރުން އެކަށީގެންވާ ފަންނީ މީހުން ނުލިބުމާއިި ފައިނޭންސް ހޯދަން ދަތިވުން ފަދަ ކަންކަމެވެ.