ވިޔަފާރި

އެމްއެމްއޭ ސާވޭ: މިއަހަރު ޓޫރިޒަމާއި އިމާރާތް ކުރުން ކުރިއަރާނެ

Jan 25, 2020
3

މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާއާ، އެއްގޮތަށް ކުރިއަށް އޮތް ކުއާޓާގެ ތެރޭގައި ވެސް ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

މުހިންމު ސިނާއަތްތަކުގެ ކުރިއެރުން ބެލުމަށް އެމްއެމްއޭއިން ކޮށްފައިވާ ކުއާޓަލީ ބިޒްނަސް ސާވޭގައިވާ ގޮތުން، އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތްތަކާއި އިމާރާތް ކުރުމުގެ ދާއިރާގެ ހަރަކާތްތެރިކަން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާ އަށް ވުރެ ހަތަރު ވަނަ ކުއާޓާގައި ވަނީ އިތުރުވެފަ އެވެ. އަދި ކުރިއަށް އޮތް ކުއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތްތައް އިތުރުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މި ކުއާޓާގައި އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތްތައް އިތުރުވާނެ ކަމަށް ބެލެވެނީ 10 ޕަސެންޓު ވަރެވެ. ނަމަވެސް މި ދާއިރާ ކުރިއެރުމަށް ހުރި ގޮންޖެހުންތައް ކަމަށްވާ ޕްރޮޖެކްޓް ހިންގަން ފައިސާ ހޯދުމާއި އެކަށީގެންވާ މުވައްޒަފުން ހޯދުމުގެ ގޮން ޖެހުން ހަމަ އެގޮތުގައި ހުރި ކަމަށް ގިނަ ކުންފުނި ތަކުން ބުނެފައިވެ އެވެ.

ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް

އެމްއެމްއޭގެ ސާވޭގައި ބައިވެރިވި ޓޫރިޒަމް ސިނާއަތުގެ ގިނަ ކުންފުނި ތަކުން ބުނެފައިވާ ގޮތުގައި ނިމިދިޔަ ހަތަރު ވަނަ ކުއާޓަރުގައި ރިސޯޓުތަކުގެ ބުނިން އިތުރުވެ، ޓޫރިޒަމް ސިނާއަތަށް ލިބުނު އާމްދަނީ ވަނީ ބޮޑުތަން މައްޗަށް ގޮސްފަ އެވެ. މިގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު ރިސޯޓު ބުކިން 60 ޕަސެންޓް އިތުރުވެ، އާމްދަނީ 96 ޕަސެންޓް އިތުރުވެފަވެ އެވެ. އަދި ކުރި އަށް އޮތް ކުއާޓަރުގައި އާމްދަނީ 60 ޕަސެންޓް އިތުރުވެ، ރިސޯޓް ބުކިންތައް 62 އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެމްއެމްއޭ އިން މި ސާވޭކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 އިން މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. ސާވޭގައި 149 ކުންފުނިން ބައިވެރިވެފައިވެ އެވެ. މި ސާވޭގައި ޓޫރިޒަމް ސެކްޓާ އާއި އިމާރާތް ކުރުމުގެ ދާއިރާގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ތަކުން ބައިވެރިވެފައިވެ އެވެ.