ވިޔަފާރި

ތިންވަނަ ކުއާޓަރުގައި ހޯލްސޭލް ރީޓެއިލް ވިޔަފާރި ދަށް

Oct 26, 2019

މި އަހަރުގެ ނިމި ދިޔަ ތިންވަނަ ކްއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ސާވޭގައި ބައިވެރި ވިޔަފާރި ތަކުން ބުނެފި އެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ ތިން ވަނަ ކުއާޓަރުގެ ބިޒްނަސް ސާވޭގައި ބައިވެރިވި ގިނަ ފަރާތް ތަކުން ބުނެފައިވާ ގޮތުގައި މި ކުއާޓަރުގައި މުދާ ގަންނަން އޯޑަރު ލިބުނު އަދަދު ދަށްވެފައިވާއިރު، މުދާ ވިއްކުނު އަގު ވެސް ވަނީ ދަށްވެފަ އެވެ.

މި ސާވޭގައި ބައިވެރި ގިނަ ވިޔަފާރި ތަކުން ބުނެފައިވާ ގޮތުގައި ނިމިދިޔަ ކުއާޓަރުގައި ހޯލްސޭލް/ ރީޓެއިލް ވިޔަފާރި ދަށްވިނަމަވެސް، އަހަރުގެ ފަހު ކުއާޓަރުގައި ވިޔަފާރި ރަނގަޅުވާނެ ކަމަށް އުންމީދު ކުރެވެ އެވެ. ހަތަރުވަނަ ކުއާޓަރުގައި މުދާ ވިކޭ އަދަދު 86 ޕަސެންޓް އިތުރުވެ، ވިޔަފާރި ރަނގަޅު ވާނެ ކަމަށް އުންމީދުކޮށްފައިވެ އެވެ. އަދި މި މުއްދަތުގައި ވިޔަފާރީގެ ސްޓޮކް ވެސް އިތުރު ވެގެންދާނެ ކަމަށް ބުނެފައިވެ އެވެ.

އެމްއެމްއޭގެ މި ސާވޭގައި އިމާރާތް ކުރުމުގެ ދާއިރާ އާއި ޓޫރިޒަމް ސެކްޓާ އަދި ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރި ކުރާ 174 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ. ސާވޭ ކުރިއަށް ގެންގޮސްފައިވަނީ 25 ސެޕްޓެމްބަރުން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

ހޯލްސޭލް/ ރީޓެއިލް ވިޔަފާރި ދަށްވިއިރު، ސަރުކާރުގެ މަޝްރޫއުތައް ހިންގުން މަދުވުމުގެ ސަބަބުން އިގްތިސާދުގައި ދައުރުކުރާ ފައިސާގެ އަދަދު ވަނީ މަދުވެފަ އެވެ.