ކުޅިވަރު

ނުވަ ލަނޑު، އެންމެ ބޮޑު އަވޭ މޮޅު

ސައުތު ހެމްޓަން ކޮޅަށް ނުވަ ލަނޑު ޖަހައި، ލެސްޓާ ސިޓީން އިނގިރޭސި ފުޓްބޯޅައިގެ އެންމެ ޓޮޕް ޑިވިޝަންގައި ރަށުން ބޭރުގައި ހޯދި އެންމެ ބޮޑު މޮޅު ހޯދައިފި އެވެ.

ސައުތުހެމްޓަންގެ އެސްޓީ މެރީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލެސްޓާ ސިޓީގެ އަޔޯސޭ ޕެރޭޒް އާއި ޖެމީ ވާޑީ ވަނީ ހެޓްރިކު ހަދާފަ އެވެ. އެޓީމު އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ބެން ޗެލްވިލް އާއި ޔޫރީ ޓިއެލޭމަން އަދި ޖޭމްސް މެޑިސަން އެވެ.

ފުރަތަމަ ލަނޑު ބެން ޗެލްވިލް ކާމިޔާބު ކުރީ 10 ވަނަ މިނެޓްގަ އެވެ. އޭގެ ދެ މިނެޓް ފަހުން ސައުތުހެމްޓަންގެ ބާޓްރެންޑްއަށް ވަނީ އަޔޯޒޭ ޕެރޭޒްއަށް ކުރި ޗެލަންޖާ ގުޅިގެން ވީއޭރު މެދުވެރިކޮށް ބެލުމަށް ފަހު ވަގުތުން ރަތް ކާޑު ދައްކާފަ އެވެ. އެއީ ޕްރިމިއާ ލީގްގައި ވީއޭއާރް ބޭނުން ކުރަން ފެށިފަހުން ވީއޭއާރު މެދުވެރިކޮށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.

ލެސްޓާ ސިޓީން ހޯދި މި މޮޅަކީ 131 އަހަރުވީ އިނގިރޭސި ފުޓްބޯޅައިގެ ޓޮޕް ޑިވިޝަންގައި ރަށުން ބޭރުގައި ހޯދި އެންމެ ބޮޑު މޮޅެވެ. މި މޮޅާއެކު ލެސްޓާއިން ވަނީ 1995 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ލީގްގައި ހޯދި މޮޅާ އެއްވަރު ކޮށްފަ އެވެ. ޔުނައިޓަޑްގެ ދަނޑުގައި އިޕްސްވިޗް ޓައުންގެ މައްޗަށް ޔުނައިޓެޑުން ވަނީ ހަމަ އެ ނަތީޖާއިން މޮޅުވެފަ އެވެ.